މާފަހީގެ މުއްދަތު 21 އަހަރަށް އިތުރުކޮށްދީފި

ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ހއ. މާފަހީގެ މުއްދަތު 21 އަހަރަށް އިތުރުކޮށްދީފި އެވެ.

މާފަހީގެ މުއްދަތު އިތުރުކޮށްފައި ވަނީ ކުރިން ސަރުކާރުން ސީގަލްއަށް އެރަށް ދޫކުރި މުއްދަތު މި އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހަށް ހަމަވެފައި ވަނިކޮށެވެ.

ސީގަލް ގްރޫޕާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އައުކޮށްފައި ވަނީ މި އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށް ސީގަލް ގްރޫޕުން ބުންޏެވެ.

ސީގަލްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 1994 ވަނަ އަހަރުން ފެށިގެން އެކުންފުނިން މަސައްކަތްކުރީ، ދިވެހި އަދި ބައެއް ބޭރު ގައުމުތަކުގެ ތަޖުރިބާކާރުންގެ އެހީއާ އެކު ފެންވަރު ރަނގަޅު ތަރުކާރީ އާއި މޭވާ އުފެއްދުމަށާއި މަސް ޕްރޮސެސްކުރުމާއި ބަކަރި އާލާކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެ ކުންފުނިން މާފަހީގައި ކުރި ދަނޑުވެރިކަމުގެ މަސައްކަތުން ރާއްޖެ އިން ބޭރަށް ބަރޯސާނުވެ، ދިވެހިރާއްޖޭގައި ވެސް ރާއްޖޭގެ މާހައުލާއި ގުޅޭ ފެންވަރު ރަގަޅު ކާބޯތަކެތި އުފައްދާ ރައްކާތެރިކުރެވޭނެކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު