ޕީއައިއޭގެ ފްލައިޓަކަށް ހަމަލާދިނުމުގެ ސަބަބުން ފަސިންޖަރަކު މަރުވެއްޖެ

ޕިޝާވަރު (ޖޫން 25): ސައޫދީ އަރަބިޔާގެ ޖިއްދާއިން ފުރައިގެން ޕާކިސްތާނުގެ ޕިޝާވަރަށް ދަތުރުކުރި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ)ގެ ފްލައިޓަކަށް ބަޑީގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން އެކަކު މަރުވެ ދެމީހަކު ޒަޚަމްވެއްޖެ އެވެ.

ޕާކިސްތާނުގެ މީޑިޔާ ޚަބަރުދޭ ގޮތުގައި މިޙަމަލާތަކުގެ ސަބަބުން މަރުވީ އެބޯޓުން ދަތުރުކުރި ފަސިންޖަރު އަންހެނެކެވެ. އަދި ޒަޚަމްވީ އެފްލައިޓްގެ ފަޅުވެރިންގެ ތެރޭގައި ހިމެނޭ އެއަހޯސްޓެސްއެކެވެ. ޕީއައިއޭގެ އެފްލައިޓަކީ 178 ފަސިންޖަރުންނާ އެކު ދަތުރުކުރި ފްލައިޓެކެވެ. މިޙަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއްނުވެ އެވެ. ޕީއައިއޭގެ ތަރްޖަމާނެއް ކަމަށްވާ މަޙްސޫދް ތަޖްވާރު ވިދާޅުވި ގޮތުގައި މިހަމަލާތައް އެބޯޓަށް އަރާފައި ވަނީ ޕިޝާވަރުގެ ބާޝާ ޚާން އެއާޕޯޓްގެ ރަންވޭގައި އެބޯޓު ޖައްސަމުންދަނިކޮށެވެ. މިހަމަލާތަކާއެކު ވެސް ސަލާމަތްތެރިކަމާ އެކު އެބޯޓު ޖައްސާފައިވާ ކަމަށާއި ނަމަވެސް ބޯޓުގެ އެކިތަންތަނަށް ފަސް ވަޒަން އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިޙަމަލާތަކާ އެކު ޕާކިސްތާން ސިފައިން ވަނީ ޕިޝާވަރު އެއަޕޯޓް ސަރަހައްދު ބަންދު ކުރުމަށް ފަހު ހަތިޔާރުއެޅި ބަޔަކު އެސަރަހައްދުން ފެެނޭތޯ ބެލުމަށް އަސްކަރީ އޮޕަރޭޝަނެއް ހިންގާފަ އެވެ. ޕިޝާވަރުގެ ބާޝާ ޚާން އެއަޕޯޓަށް މިޙަމަލާތައް ދީފައި މި ވަނީ ޕާކިސްތާނުގެ އެންމެ ބޮޑު އެއަޕޯޓް ކަމަށްވާ ކަރާޗީގެ މުހައްމަދު އަލީ ޖިނާޙް އިންޓަނޭޝަނަލް އެއަޕޯޓަށް މިމަހުގެ ކުރީކޮޅު ހަތިޔާރުއެޅި ބަޔަކު ދިން ޙަމަލާތަކެއްގައި 28 މީހުން މަރުވެފައިވަނިކޮށެވެ.

ކަރާޗީ އެއަރޕޯޓަށް ދިން ޙަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތުންނެވެ. ޕާކިސްތާނުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައިވާ ހަނގުރާމަވެރި އެތައް ޖަމާއަތެއްވެ އެވެ. މިޖަމާއަތްތަކުން ގެންދަނީ ޕާކިސްތާނުގެ އާންމުތަންތަނުގައި ބޮންގޮއްވައިގެން މީހުން މެރުމާއި އެއަރޕޯޓް ފަދަ ތަންތަނަށް ޙަމަލާދިނުން ފަދަ ހަރުކަށި އަމަލުތައް ހިންގަމުންނެވެ. (ބީބީސީ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު