ގެއްލުނު މީހާ ވަނީ މެލޭޝިއާގެ ބޯޑަރު ހުރަސްކޮށްފައި: ހައިކޮމިޝަން

މެލޭޝިއާ އިން ގެއްލިގެން ހޯދަމުންދާ މީހާ އެގައުމުގެ ބޯޑަރުން ބޭރުވެފައިވާ ކަމަށް ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ފަޔާޒު ވިދާޅުވެއްޖެ އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ފަޔާޒު ވިދާޅުވީ ގެއްލިގެން ހޯދަމުންދާ މ. ހާޑްރޮކް، ހަމްދާން މުހައްމަދު،28، މެލޭޝިއާގެ ކެޑާ ސްޓޭޓްގެ "ބުކިޓް ކަޔޯ ހިތާމް" ގެ ޗެކް ޕޮއިންޓުން ބޭރުވެފައިވާ ކަން ކަށަވަރުކޮށްދެއްވައި އެގައުމުގެ އިމިގްރޭޝަނުން ލިޔުންދެއްވާފައިވާ ކަމަށެވެ.

ފަޔާޒު ވިދާޅުވީ "ބުކިޓް ކަޔޯ ހިތާމް"ގެ ޗެކްޕޮއިންޓަށް ހައިކޮމިޝަންގެ ބޭފުޅުން ފޮނުވައިގެން މި މަހުގެ 13 ވަނަ ދުވަހު އެ ސަރަހައްދު ޗެކްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެތަނުގައި ސީސީޓީވީ ކެމެރާއެއް ނެތުމުން އޭނާ ހޯދަން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ފަޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަމްދާން ގެއްލުނު މައްސަލަ މެލޭޝިޔާގެ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމަށް މިހާތަނަށް އަލިމަގެއް ފެނިފައިނުވާ ކަމަށެވެ.

ހަމްދާންގެ ލަގެޖު އެއާޕޯޓުން ނަގައި ޗެކްކުރި އިރު އޭގައި އޭނާގެ ޕާސަނަލް އެއްވެސް އެއްޗެއް ނެތް ކަމަށާއި އެހެންކަމުން ބެލެވޭގޮތުގައި އޭނާ އެގަމުގެ ބޯޑަރު ހުރަސްކޮށްފައި ދިޔައީ އަމިއްލައަށް ކަމަށެވެ.

ހައިކޮމިޝަންގެ ފަރާތުން ތައިލޭންޑުގެ އިމިގްރޭޝަނާ ވާހަކަދެއްކުމުން އެގައުމުގެ އިމިގްރޭޝަނަށް ހަމްދާން ވަދެފައި ނުވާކަމަށް ނުރަސްމީކޮށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފަޔާޒު ވިދާޅުވިއެވެ.

"ތައިލޭންޑުގެ އިމިގްރޭޝަނުން ވެސް އަން އޮފިޝަލް ކޮށް އެބަ ވިދާޅުވޭ ހަމްދާން އެގައުމުގެ އިމިގްރޭޝަނަށް ވަދެފައި ނުވާ ކަމަށް. އޭނަ މެލޭޝިއާ އަށް އެނބުރި އައިސްފިނަމަ އެނގޭނެ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތުދީފައި،" ފަޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަމްދާން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރު ކުރެވިއްޖެ ކަމަށާއި އިތުރަށް އެކަމުގައި ކުރެވޭނެ މަސައްކަތެއް ނެތް ކަމަށެވެ.

ހަމްދާން ހޯދުމަށް އިންޓަޕޯލުން ވެސް ވަނީ އިއުލާންކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު