އެމްޑީޕީގެ ނާއިބް ރައީސް ކަމަށް ކުރިމަތިލެއްވީ އަލްހާނާއި ޝިފާޒު

އެމްޑީޕީގެ މާގަމްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވިއިރު ނާއިބު ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ އެންމެ ދެ ބޭފުޅުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާހީމް ވަހީދު ވިދާޅުވީ އެ ޕާޓީގެ ނާއިބް ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީގެ ނާއިބް ރައީސް ކަމުގައި ހުންނަވަނިކޮށް މަގާމުން ދުރުކޮށްފައިވާ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ އިތުރުން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާޒު ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ މިހާރު އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަނި ކަމަށެވެ.

އެ ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައި ވަނީ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު އެކަނި ކަމަށާއި ޗެއާޕާސަންގެ ނާއިބުކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އުތުރު ޕްރޮވިންގެ ރައީސް އަލީ ނިޔާޒު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު އިސްތިއުފާދެއްވުމުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ އޯގަސްޓު މަހުގެ 29 ވަނަ ދުވަހު އެވެ.

މަގާމްތަކަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ފޯމްތައް މިއަދު ބަލައިގަތް ނަމަވެސް ޝަރުތުހަމަވާ މީހުންގެ ނަންތައް އަސާސީ ގަވާއިދުގައި ބުނެފައިވާގޮތުގެމަތިން މިއަދުން ފެށިގެން ތިން ދުވަސް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު