އެޕަލް އިން ސްމާޓްވޮޗް އެއް ނެރެން ތައްޔާރުވަނީ

ސިއްހީ އަދި އެހެނިހެން މައުލޫމާތު ދެނެގަނެވޭ ސެންސަރ ތަކަކާ އެކު އެޕަލް އިން އައު ސްމާޓްވޮޗް އެއް ނެރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެމެރިކާގެ ވޯލްސްޓްރީޓް ޖަރނަލްއިން ބުނެފިއެވެ.

އެޕަލްގެ އައު “ކޮމްޕިއުޓަރައިޒްޑް ސްމާޓްވޮޗް” ގައި އެކިއެކި މައުލޫމާތު އެއްކުރެވޭ 10 ސެންސަރ އެއް ހުންނާނެ ކަމަށައި، މި ސްމާޓްވޮޗް ދައްކާލާނީ މި އަންނަ އޮގަސްޓް މަހު ކަމަށް ވޯލްސްޓްރީޓް ޖަރނަލް އިން ހުކުރު ދުވަހު ޝާއިއު ކުރި ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

އެޕަލްއިން ނެރޭނެ ކަމަށް ބުނާ އައު ސްމާޓްވޮޗްއަށް މިހާރުވެސް ވަނީ “އައިވޮޗް” ގެ ނަން ހަރުލާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ކަސްޓަމަރުންނަށް ލިބޭ އިހްތިޔާރުތައް އިތުރުކުރުވޭނޭހެން، މި ސްމާޓްވޮޗް ގެ ދެތިން ސައިޒެއް ބާޒާރަށް ނުކުންނާނެއެވެ.

އެޕަލް އިން ސްމާޓްވޮޗްއެއް ނެރެން އުޅޭކަމުގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. މި ސްމާޓްވޮޗް އާ ބެހޭ ގޮތުން ބަހެއް ބުނުމަށް އެޕަލް އިން ވަނީ އިންކާރު ކޮށްފައެވެ. އަދި ނުކުންނަން ހުރި އުފެއްދުންތަކާ ބެހޭގޮތުން ވާހަކަދެއްކުމަކީ އެ ކުންފުނީގެ ސިޔާސަތެއް ނޫންކަމަށް އެޕަލް އިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މި ހިނގާ ޖޫންމަހުގެ ދެވަނަ ދުވަހު އެމެރިކާގެ ކެލިފޯނިއާގައި ބޭއްވީ ވޯރލްޑް ވައިޑް ޑިވެލޮޕަރސް ކޮންފަރަންސްގައި އިއުލާނު ކުރި އައިއޯއެސް 8 ގައި ސިއްހަތާ ގުޅޭ މައުލޫމާތު އެއްކުރެވޭފަދަ ޓޫލްތަކެއް ވަނީ އެކުލަވާލާފައެވެ. މި އިއުލާނާއެކު އެޕަލްގެ އައު ސްމާޓްވޮޗް ވެގެންދާނީ ސިއްހަތާ ކަސްރަތުކުރުމަށް ހާއްސަ ފީޗާ ތަކެއް އެކުލެވޭ އެއްޗަކަށް ކަމަށް ޓެކްނޮލަޖީ އިންޑަސްޓްރީއާ ގުޅުންހުރި ގިނަ ނޫސްތަކުން ދަނީ ބުނަމުންނެވެ.

ދެތިން މަހެއްގެ ތެރޭގައި އެޕަލްގެ އައު ސްމާޓްވޮޗް އުފައްދަން ފަށާނޭކަމަށައި އެ ސްމާޓްވޮޗް އުފައްދާނީ ޓައިވާންގެ ކުންފުންޏެއް ކަމަށްވާ ކުއަންޓާ ކޮމްޕިއުޓަރ އިންކޯޕަރޭޓަޑް އިން ކަމަށް ނަންހާމަނުކުރުމަށް އެދިފައިވާ ފަރާތްތަކަކާ ހަވާލާދީ ވޯލްސްޓްރީޓް ޖަރނަލް އިން ބުނެފައިވެއެވެ. ކުއަންޓާ ކޮމްޕިއުޓަރ އިންކޯޕަރޭޓަޑް އަކީ އެޕަލް ގެ މެކް ކޮމްޕިއުޓަރުތައް ވެސް އުފައްދާފައިވާ ކުންފުންޏެކެވެ.

އެޕަލްގެ އައު ސްމާޓްވޮޗް ބާޒާރަށް ނެރޭނީ އޮކްޓޯބަރުމަހުގައި، އެޕަލް އިން މި މަހުގެ ކުރީކޮޅު އިއުލާނުކޮށްފައިވާ އައިއޯއެސް 8 އަދި އައު ކޮމްޕިއުޓްރ އޮޕަރޭޓިން ސިސްޓަމް އޯއެސް އެކްސް ޔޯސެމިޓީ އާ އެކުގައި ކަމަށް އެސޯސިއޭޓަޑް ޕްރެސް ގައި ވެއެވެ.

ސެމްސަންގް، ސޮނީ އަދި ކުއަލްކޮމް ފަދަ ކުންފުނިތަކުން މިހާރުވެސް ވަނީ ސްމާޓްވޮޗްގެ ބާޒާރަށް ވަދެފައެވެ. ނަމަވެސް މި މިހާތަނަށް ބާޒާރަށް ނެރުނު ގިނަ ސްމާޓް ގަޑިތައް މަސައްކަތް ކުރަނީ ފޯނާ ގުޅާލެވޭ ބައެއްގެ ގޮތުގައެވެ. އަދި ގިނަ ބަޔަކު މި ގަޑިތައް ބޭނުންކުރަން ފަށާފައިވާތަން ފެނިފައެއް ނުވެއެވެ.

އެޕަލް އަކީ އާއްމުންނަށް ކަމުދާހެން އައު އުފެއްދުންތައް ބާޒާރަށް ނެރުމުގައި އާދަޔާހިލާފު ކުޅަދާނަކަމެއް ދައްކާފައިވާ ކުންފުންޏެއް ކަމުން އެޕަލް ގެ އައު ސްމާޓްވޮޗް ފެންނާނޭ ދުވަހަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު