ޖުމްހޫރީ ޕާޓީއާ ޕީޕީއެމްއާ އެކު ވެފައިވާ ކޯލިޝަން އެއްބަސްވުމާ ބެހޭގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ މެދު މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މާފަންނު ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އޮތީ ޕީޕީއެމްއާ އެކު މަޝްވަރާކުރުމަށް ތައްޔާރަށް ކަމަށެވެ.
މަޝްވަރާތައް ފެށުމަށް ޖުމްހޫރީ ޕާޓީން އިސްނަގާފާނެތޯ ދެންނެވުމުން ގާސިމް ވިދާޅުވީ ކަންތައްތައް ވާނީ "ބާރުހުރި މީހާ ދޫކުރީމަ" ކަމަށާއި ބާރުކުޑަ މީހަކު ކިތަންމެވަރަކަށް އުޅުނަސް އޮންނަނީ ހައްގު ނުލިބިފައިކަމަށެވެ.
އަދި ވިދާޅުވީ ޕީޕީއެމާ އެކު ޖޭޕީން ހަދާފައިވާ ކޯލިޝަން ރޫޅިއްޖެކަމަށް ޕީޕީއެމް އިން ބުނިނަމަވެސް ކޯލިޝަން ރޫޅުނުކަމަށް އެޕާޓީން ގަބޫލުނުކުރާކަމަށެވެ. ކޯލިޝަން އެއްބަސްވުމާ މެދު ދެ ޕާޓީގެ ދެމެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މަޝްވަރާ ކުރަންޖެހޭނެ ކަމަށް އެ އެއްބަސްވުމުގައި ބުނެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމް އިން މިއަދާހަމައަށް ވެސް މަޝްވަރާކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޕީޕީއެމް އަށް ސޮއިކުރައްވާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
އޭނާ ވިދާޅުވީ މިލަންދޫ ދާއިރާގެ މެމްބަރު މުފީދު ޕީޕީއެމް އަށް ސޮއިކުރެއްވީ ފާޚާނާ ހޮޅި ނޭޅޭނެ ކަމަށް ސަރުކާރުން ބުނެފައިވާތީ ކަމަށް އޭނާ ގާސިމް އަރިހު ދަންނަވާފައިވާ ކަމަށެވެ.
"ބައެއް ބޭފުޅުން ވިދާޅުވަނީ ތިމަންނާ މެންގެ ދާއިރާގެ މަސައްކަތްތަކެއް ނުކޮށްދޭނެ ކަމަށް ސަރުކާރުން ބުނާކަމަށް. އެއްބޭފުޅަކު ވިދާޅުވި. އެއީ މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ވިދާޅުވި. ތިމަންނާމެންގެ ރަށުގެ ފާޚާނާ ހޮޅި ނޭޅޭނެ ކަމަށް ބުނާބުނުމެއް އެބައޮތޭ،" ގާސިމް ވިދާޅުވިއެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު " ހުސައިން އަރީފް ޕީޕީއެމް އަށް ސޮއިކުރެއްވުމުގެ ކުރިން އެޕާޓީއަށް ސޮއިނުކުރާނެ ކަމަށް ވިދާޅުވެ ދެރަވެގެން ގާސިމް އަރިހު ވާހަކަދެއްކި " ކަމަށާއި ނަމަވެސް އޭގެފަހުން ފެނިގެންދިޔައީ ޕީޕީއެމްއަށް ސޮއިކުރެއްވި މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
"...އެތަނުން ނިކުމެގެން ގޮސް ވަނީ ރެސްޓޯރަންޓަކަށް ވަދެ އިންދާ އެތަނުން ބޮޑު ކާރެއްގައި ޖިޕެއް ފާޑެއްގެ އެއްޗެއްގައި ބޭފުޅުންތަކެއް އޭނަގޮވައިގެން ދިޔައީ. ގެންގޮސް އޭނަ ސޮއިކުރިތަން ފެނިގެން ދިޔައީ. އަޅުގަނޑުމެން ކައިރީ ރޮއިހޭރިފަ ދިޔައީ،" ގާސިމް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ދެ ވަޒީރުންގެ ތެރެއިން އެއްބޭފުޅަކު ޕީޕީއެމް އަށް ސޮއިކުރެއްވީ ގައުމީ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ޕާޓީ ބަދަލުކޮށްގެން ކަމަށް ވިދާޅުވުމަށްހު ކަމަށެވެ. ދެވަނަ ވަޒީރު ޕީޕީއެމާ ގުޅިވަޑައިގަތުމުގެ ކުރިއަން އޭނާގެ ލާފާ ހޯދެވުމުން ފެނިވަޑައިގަންނަވާ ގޮތަކަށް ކަންތައް ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"ދެން އަނެއްބޭފުޅަކު ވެސް ވިދާޅުވީ ތިމަންނައަށް މި މަސައްކަތްތަކާއިގެން ކުރިއަށް ދެވެން އޮތީ ޕާޓީ ބަދަލުކޮށްގެންނޭ. އެހެންނޫނީ ތިމަންނައަށް ކޯލިޝަން މެއިންޓެއިން ކުރެވޭކަށްނެތޭ. އެހެންވީމަ ވަކިވެވަޑައިގަންނަވަނީކަމަށް. އަޅުގަނޑުކުރެ އެއްސެވި ކިހިނެތްތޯ ހަދާނީ. އަޅުގަނޑުދެންނެވިން މަނިކުފާނު ނިންމަވާށޭ މަނިކުފާނަށް ފެންނަ ގޮތަކަށް،" ގާސިމް ވިދާޅުވިއެވެ.