ހޯމް މިނިސްޓަރު އުމަރު ނަސީރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރަން އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައެއް ނުގަތެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ ކޯޓަށް ހާޒިރުކުރުމަށް ނެރޭ އަމުރުތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށް މީގެކުރިން އެ ކޯޓުން ނިންމި ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާނެ ކަމަށެވެ. އެހެންކަމުން އުމަރުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމާފައި ވަނީ އެ އުސޫލުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އަމުރު ނެރެފައި ވަނީ ރަސްމީ ދަތުރުފުޅެއްގައި އޭނާ ރާއްޖެއިން ބޭރަށްފުރާވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ދެފަހަރެއްގެމަތިން ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނިކޮށެވެ.
ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެފައި ވަނީ އުމަރު ހުންނެވީ ނެދަލޭންޑުގައި ކަމަށާއި އެނާ އެގައުމަށް ވަޑައިގަތީ ރާއްޖޭގައި ކުއްތާގެ ސްކޮޑެއް އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތް ކޮށް ނިންމުމަށް ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި މިނިސްޓަރު އުމަރު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އުމަރުގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާ އުފުލާފައި ވަނީ 50 ހަރުގަނޑު ބޭނުންކޮށްގެން ސިފައިންގެ މައި މަރުކަޒުގެ ތެރެއަށް ވަނުމަށް ދޭހަވާގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ވާހަކަ ދައްކަވާފައިވާ ކަމަށް ތުހުމަތުކޮށެވެ.