އުމަރު ރާއްޖޭގައި ނޫޅުއްވާތީ ޝަރީއަތް ބޭއްވޭ ގޮތެއް ނުވި

ހޯމް މިނިސްޓަރު އުމަރު ނަސީރު ރާއްޖޭގައި ނޫޅުއްވާތީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

މިއަދު 11:00 އަށް ތާވަލު ކުރި ޝަރީއަތުގެ މަޖިލީހަށް އުމަރުގެ ގާނޫނީ ވަކީލު އާދަމް އާސިފް ހާޒިރުވެވަޑައިގަތެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހު އުމަރު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވާތީ އޭގެ ފަހުން މައްސަލަ ޝެޑިއުލްކޮށްދިނުމަށް އޭނާގެ ވަކީލު އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ އުމަރު ހުންނެވީ ނެދަލޭންޑުގައި ކަމަށާއި އޭނާ އެގައުމަށް ވަޑައިގަތީ ރާއްޖޭގައި ކުއްތާގެ ސްކޮޑެއް އެކުލަވާލުމަށް ޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައްކޮށް ނިންމުމަށްޓަކައި ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ ކުރިން ވިދާޅުވެފައި ވަނީ އުމަރު މިއަދު ކޯޓަށް ހާޒިރުވެވަޑައިނުގެންފިނަމަ ގަވާއިދާ އެއްގޮތަށް ފިޔަވަޅުއަޅާނެ ކަމަށެވެ. ނަމަވެސް މިއަދު ކޯޓަށް ހާޒިރުވުމަށް އަންގައި އުމަރަށް ފޮނުވަން ޖެހޭ ޗިޓް އޭނައާ ހަވާލުކުރެވިފައެއް ނުވެ އެވެ.

އުމަރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލުމުގައި ހަވާލާދެއްވާފައިވާ މާއްދާ ބާތިލްކުރުމަށް އޭނާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފަ އެވެ.

ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ގާނޫނުގެ މާއްދާ ބާތިލްކުރަން އުމަރުގެ ފަރާތުން ނެންގެވި އިޖުރާއީ ނުކުތާއަށް އޭނާ ޖަވާބުދާރީވުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު