އުމަރު ރާއްޖޭން ބޭރަށް ވަޑައިގަތީ ކުއްތާ ހޯދަން: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރު އުމަރު ނަސީރު މިހާރު ހުންނެވީ ނެދަލޭންޑްސްގައި ކަމަށާއި އެމަނިކުފާނު އެ ގައުމަށް ވަޑައިގަތީ ރާއްޖޭގައި ކުއްތާގެ ސްކޮޑެއް އެކުލަވާލުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކޮށް ނިންމުމަށްޓަކައި ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ މިނިސްޓަރު އުމަރު ނެދަލޭންޑަށް ފުރާވަޑައިގަތީ ރޭ ކަމަށެވެ.

ތަޒުމީލް ވިދާޅުވީ، އެ ދަތުރުފުޅުގައި ކުއްތާތައް ގަތުމަށް ހަމަޖެހިފައިވާ އެގައުމުގެ "ކޭ ޓެން" ނަމަކަށް ކިޔާ ފާމަކުން މިނިސްޓަރު ޚާއްސަ މައުލޫމާތުތަކެއް ހޯއްދަވާނެ ކަމަށާއި ރާއްޖެ ގެނައުމަށް ނިންމާފައި ވަނީ "ލިޕަރޮޑޯ" ވައްތަރުގެ އަލަށް އުފަންކޮށްފައިވާ 15 ކުއްތާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުއްތާތައް ގަތުމަށްފަހު ދެން ގެންދާނީ ސްރީލަންކާގެ ކެންޑީގައި ހުންނަ ތަމްރީނުދޭ ފާމަކަށް ކަމަށާއި އެތަނުގައި ތިން މަސްދުވަހުގެ ތަމްރީނެއް ކުއްތާކަށް ދެވޭނެ ކަމަށެވެ. އަދި އޭގެފަހުން 15 ފުލުހުންގެ ޚާއްސަ ފޯސްއެއް ލަންކާއަށް ގޮސް އިތުރު ތިން މަސް ދުވަހުގެ ތަމްރީނެއް ހޯދާނެ ކަމަށާއި އެއަށްފަހު ކުއްތާތައް ރާއްޖެ ގެނެވޭނެ ކަމަށެވެ.

"އެ ފާމްގައި އިތުރު ތިން މަސް ދުވަހު މިކޮޅުންދާ ދިވެހި ފުލުހުންގެ ފޯސް ތަމްރީން ހޯދާނެ. މާނައަކީ ހަ މަސް ދުވަހު އެ ފާމްގައި ކުއްތާތައް ބޮޑު ކުރެވޭނެ. އޭގެފަހުން އެ ކުއްތާތައް ރާއްޖެއަށް ގެނެވި ރާއްޖޭގައި ކުއްތާގެ ސްކޮޑެއް އެކުލަވާލެވޭނެ،" ތަޒްމީލް ވިދާޅުވިއެވެ.

ކުއްތާގެ އިތުރުން ރާއްޖޭގެ އެއާޕޯޓުގައި ބޭނުންކުރުމަށް ބޮޑީ ސްކޭން މެޝިނެއް ހޯއްދެވުމަށް މިނިސްޓަރުގެ އެ ދަތުރުފުޅުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ތަޒުމީލް ވިދާޅުވި އެވެ.

"އެ ބޮޑީ ސްކޭން މެޝިނަކީ ވެސް ޑްރަގްސް އިޝޫ ހައްލުކުރުމުގެ ތެރެއިން ޚާއްސަކޮށް އެއަށް ބައްލަވައިގެން ގެންނަ މެޝިނެއް. އޭގައި ބޮޑަށް އަމާޒު ކުރެވިފައި ވާނީ، ތިބޭފުޅުންނަށް މިހާރު ވެސް ފާހަގަ ކުރެވޭނެ ހަށިގަނޑުގެ ތެރޭގައި އެކި ގޮތްގޮތައް މަސްތުވާތަކެތި ރައްކާކުރެވިގެން ރާއްޖެއަށް އެތެރެކުރަމުންދާ އިޝޫ، އެއިރުން އެ މެޝިން ގެނައުމަށްފަހު އެކަމަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ،" ތަޒްމީލް ވިދާޅުވި އެވެ.

"މިހާރު އެގޮތަށް ޓެސްޓް ކުރެވޭ މީހުންނަކީ ޝައްކުކުރެވިގެން ޓެސްޓް ކުރެވޭ މީހުން އެހެންނަމަވެސް މި މެޝިން ގެނައުމަށްފަހުގައި މެޝިނުން ޚާއްސަކޮށް ހަށިގަނޑު ޗެކްކުރެވޭނެ. އެ މެޝިނަކީ އެމެރިކާގެ އެއާޕޯޓުތަކުގައި ގެންގުޅޭ ކަހަލަ އެކަމަށް ޚާއްސަ ކުރެވިފައިވާ މެޝިނެއް،"

އޭނާ ވިދާޅުވީ މިނިސްޓަރު އެނބުރި ވަޑައިގަންނަވާނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށާއި އެނބުރިވަޑައިގަތުމުގެ ކުރިން އަބޫދާބީއަށް ވަޑައިގެން އެގައުމުގެ ހޯމް މިނިސްޓަރާ ބައްދަލުކުރައްވައި ދިވެހި ފުލުހުންނަށް ބޭނުންވާ ބައެއް ސާމާނު ހޯއްދެވުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.

"އަބޫދާބީގެ ހޯމް މިނިސްޓަރާ ބައްދަލުކުރައްވައި ފުލުހުންނަށް ބޭނުންވާ ބައެއް ސާމާނު ހޯދުމުގެ މަސައްކަތް ވެސް ކުރައްވާނެ. އަދި އަބޫދާބީގައި ހަރުކޮށްފައިވާ ބޮޑީ ސްކޭން މެޝިންތައް ވެސް ވަޒީރު ބައްލަވައިލައްވާނެ،" ތަޒްމީލް ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު