ސިއްޙީ ދާއިރާގެ ބިލްތައް މަޖިލީހަށް ހުށަހެޅުން އަވަސްކުރުމަށް ރޮޒައިނާ ގޮވާލައްވައިފި

ސިއްޙީ ދާއިރާއާ ގުޅުން ހުރި ބިލްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން އަވަސްކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ގޮވާލައްވައިފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރީންނާ ބައްދަލުކުރައްވައި ރޮޒައިނާ ވިދާޅުވީ ރައްޔިތުންނަށް ސިއްޙީގޮތުން ލިބިދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ތިން އަހަރުގެ ވެރިކަމުގައި ވެސް އެ ދާއިރާއާ ގުޅުންހުރި ބިލްތައް މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ "ސިއްޙީ ޚިދުމަތުގެ" ބިލާއި "ހެލްތު ޕްރޮފެޝަނަލްގެ ބިލް" ޑްރާފްޓް ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށާއި ނަމަވެސް ސިއްޙީ ދާއިރާގައި ގިނަ މައްސަލަތަކެއް ހުރި އިރު އެ ދެ ބިލް މަޖިލީހަށް ހުށަހަޅާފައި ނުވުމަކީ ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ.

"ނަމަވެސް އަޅުގަނޑު ކަންބޮޑުވާ ކަމަކީ މިހާ ގިނަ މައްސަލަތަކެއް ސިއްޙީ ދާއިރާގައި ފާހަގަ ކުރެވިފައި އޮތް އިރު ވެސް މިނިސްޓްރީން އެ ދެބިލް ހުށަނާޅުއްވާތީ،" ރޮޒައިނާ ވިދާޅުވި އެވެ.

ސިއްޙީ ދާއިރާއާ ގުޅޭ ބިލެއް ދާދިފަހުން ރޮޒައިނާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. "ސިއްޙީ ފަރުވާ ދިނުމުގައި އިހުމާލު ވުމުގެ ބިލް"ގެ ނަމުގައި ރޮޒައިނާ ހުށައެޅުއްވި އެ ބިލާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވެފައި ވަނީ ޑްރާފްޓްކޮށްފައިވާ ގޮތަށް އެ ބިލް ފާސްވެއްޖެނަމަ ސިއްޙީ ދާއިރާ ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

ހުސައިން ރަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ އޭނާ އެހެން ވިދާޅުވީތީ ކަންބޮޑުވެލައްވާ ކަމަށާއި އެއީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަމަށެވެ.

އެ ބިލްގަވާ ގޮތުން ސިއްޙީ ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ސަބަބުން މާލީ ގޮތުން ލިބުނު ގެއްލުމަކަށް ބަދަލު ހޯދުމަށް ކޯޓުގައި އެދެވިދާނެ އެވެ. އަދި ސިއްޙީ ޚިދުމަތް ދިނުމުގައި އިހުމާލުވުމުގެ ސަބަބުން އޭނާ އިތުރަށް ހޯދަން ޖެހުނު ފަރުވާ އަށް ދިޔަ ޚަރަދު ހޯދުމަށް ވެސް ކޯޓުގައި އެދެވޭނެ ކަމަށް އެ ބިލްގައި ވަނީ ބުނެފައެވެ.

ރޮޒައިނާގެ ވާހަކަތަކަށް ރައްދުދެއްވައި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ބިލްތައް ހުށަހަޅަނީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު ކަމަށެވެ. އެގޮތުން މިހާރު ވެސް 13 ވަރަކަށް ބިލް މަޖިލީހަށް ހުށަހެޅުމުގެ މަރުހަލާގައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިއްޙީ ދާއިރާއާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅަންޖެހޭނީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު ކަމަށާއި ރޮޒައިނާ ހުށަހެޅުއްވި ބިލާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު