ކަމަދޫގައި ކަރަންޓް ނެތި ދެ ދުވަސްވުމުން އިންޖީނުގެ ބަންދުކޮށްފި

ހާހަކާ ގާތް ކުރާ އަދަދަކަށް މީހުން ދިރިއުޅޭ ބ. ކަމަދޫގައި ކަރަންޓްގެ ހިދުމަތް ނުލިބޭތާ ދެ ދުވަސްވުމުން ރައްޔިތުން ނުކުމެ އެރަށު އިންޖިނުގޭ ބަންދުކޮށްފި އެވެ.

ކަމަދޫ ކައުންސިލްގެ ނާއިބް ރައީސް އަލީ އިސްމާއިލް މިއަދު "ސަން"އަށް ވިދާޅުވީ މި މަހު ތިން ވަނަ ދުވަހު ކަރަންޓް ކެނޑުނު ގޮތަށް އަދިވެސް އެ ރަށަށް ކަރަންޓްގެ ހިދުމަތެއް ނުލިބޭ ކަމަށެވެ. އެ މައްސަލާގައި "ރަތައް އަރާފައި" ތިބި ރައްޔިތުން ނުކުމެ އެ ރަށު އިންޖީނުގޭ ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގެ އަންހެން ފިރިހެން ހުރިހާ ރައްޔިތުން މިހާރު ތިބީ އިންޖީނުގޭ ތެރޭގައި، އެ ރައްޔިތުން ތިބީ މުޒާހަރާ ނިންމާގޮތަކަށް ނޫން،" އަލީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ރަށުގެ ރައްޔިތުން ތިބީ އަސާސީ ހިދުމަތްތަކުން ވެސް މަހުރޫމްވެފައި ކަމަށެވެ. އެރަށުގައި ކަރަންޓް ހުރީ އެންމެ ދެގެއެއްގައި އެމީހުންގެ އަމިއްލެ ކުޑަ އިނަޖީނަކުން ދީފައިވާ ކަރަންޓްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިޒަމާނަކީ ކަރަންޓާއި ނުލިބޭ ނަމަ ފާހާނާ ވެސް ކުރެވޭ ޖަމާނެއް ނޫން، މިރަށު ރައްޔިތުން ތިބީ ވަރަށް ހާލުގައި، ރައްޔިތުން ނިދަނީ އަތިރިމަތީގައި،" އަލީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކައުންސިލްގެ އެދުމަކީ ކައިރި ރަށަކުން ނަމަވެސް އިންޖީނެއް ގެނެސްގެން އެ ރަށަށް ކަރަންޓްގެ ހިދުމަތް ވީހާވެސް އަވަހަށް ދިނުމަށެވެ.

އޭނާ ވިދާޅުވީ ކަރަންޓް ކެނޑުމަށް މެދުވެރިވި ސަބަބަކީ އެ ރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ 80 ކިލޯ އާއި 60 ކިލޯގެ ދެ އިންޖީނު ހަލާކުވުން ކަމަށެވެ. އެދެ އިންޖީނު މައްސަލަޖެހިފައި ހުންނަތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަށު އިންޖިނުގޭ ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ފިރާގު ވިދާޅުވީ އެ ރަށުން އެ އިންޖީނުތައް ހެދި ރައްޔިތުންނަށް ހިދުމަތްދެވޭނެ ވަކިއިރެއް ބުނަންނޭންގޭ ކަމަށެވެ. އިންޖީނުތައް ރަނގަޅުކުރުމަށް ފެނަކައިގެ މައި އިދާރާއަށް އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު