އެޕަލްގެ އައު ކޮމްޕިއުޓަރ އޮޕަރޭޓިން ސިސްޓަމް އޯއެސް އެކްސް ޔޯސެމިޓީ

ހޯމަ ދުވަހު އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި އެޕަލް އިން ބޭއްވި ވަރލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރަންސްގައި އެ ކުންފުނީގެ އައު ކޮމްޕިއުޓާ އޮޕްރޭޓިން ސިސްޓަމް އޯއެސް އެކްސް 10.10 ޔޯސެމިޓީ ވަނީ ދައްކާލާފައެވެ.

އެޕަލްގެ ކޮމްޕިއުޓަރުތައް؛ މެކްބުކް، މެކް މިނީ، އައިމެކް އަދި މެކްޕްރޯ ތަކަށް އަލަށް ނެރެފައިވާ ޔޯސެމިޓީ އަށް ބައެއްބަދަލުތައް ގެނެސްފައި ވެއެވެ. އެގޮތުން ޔޯސެމިޓީގެ ފަރުމާ ނުވަތަ ޑިޒައިންވަނީ އެޕަލްގެ ފޯނުތަކުގައި ބޭނުންކުރަމުން އަންނަ އައިއޯއެސް 7 އާ ދާދި އެއްގޮތަކަށް ބަދަލުކޮށްފައެވެ. ހަމަ އެއާއެކު މި އައު އޯއެސް ގެ ޕެނަލްތައްވެސް ފަރުމާކޮށްފައި ވަނީ އެތެރެ ފެންނަ ގޮތަށް، ޓްރާންސްލޫސަންޓް ކޮށެވެ.

ޔޯސެމިޓީގެ ނޯޓިފިކޭޝަން ސެންޓަރ ގެ ފަރުމާއަށްވެސް ވަނީ ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން ނޯޓިފިކޭޝަން ސެންޓަރވެސް ޓްރާންސްލޫސަންޓް ކޮށްފައިވާއިރު އައިއޯއެސް އެކޭ އެއްގޮތަށް ނޯޓިފިކޭޝަންތައް ހުޅުވާލާ ލައްޕާލެވެއެވެ. މީގެ އިތުރުން ނޯޓިފިކޭޝަން ސެންޓަރ އަށް “ޓުޑޭ” ކިޔާ ބައެއް ވަނީ އިތުރުކޮށްފައެވެ. މިބައިގައި ކަލަންޑަރުގައި ކުރިއަށް ހުރި ކަންކަމާ މޫސުން ވެސް ފެންނަން ހުންނާނެއެވެ. ނޯޓިފިކޭޝަން ސެންޓަރ އަށް ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ އޭގައި ތާރޑް ޕާޓީ ވިޖެޓްސް ބޭނުންކުރެވުމެވެ. މީގެ މާނައަކީ ކަލްކިއުލޭޓަރ ފަދަ އެޕްލިކޭޝަންތައް އެޕަލް ސްޓޯއިން ޑައުންލޯޑް ކުރުމަށްފަހު ނޯޓިފިކޭޝަން ސެންޓަރގައި ބޭނުންކުރެވޭނޭކަމެވެ.

ދެން އޮތީ ސްޕޮޓްލައިޓް ސާރޗްއެވެ. ސްޕޮޓް ލައިޓް ވަނީ ޑެސްކްޓޮޕް ގެ މެދަށް ގެނެސް ބޮޑުކޮށްފައެވެ. އަދި އަޅާފައިވާ އެޕްލިކޭޝަންތައް ސްޕޮޓްލައިޓް ބޭނުންކޮށްގެން ލޯންޗްކޮށް، ކޮމްޕިއުޓަރުގައިވާ ލިޔުންތައް ހޯދާ، ވިކިޕީޑިއާ އާއި އެޕަލް މެޕްސް ވެސް ސާރޗްކުރެވޭނެއެވެ.

ވިންޑޯސްގެ އިންޓަނެޓް އެކްސްޕްލޯރަރ އެކޭއެއްގޮތަށް ގިނަބަޔަކު ބޭނުންކުރުން ހުއްޓާލާފައިވާ އައިއޯއެއްސް ގެ ސަފާރީ ބްރައުޒާ އަށް ވެސް ވަނީ ޔޯސެމިޓީގައި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސަފާރީގެ އެޑްރެސް ބާ ކުރުކޮށް، މެދަށް ގެނެސްފައިވާއިރު އެޑްރެސް ބާ މެދުވެރިކޮށް ސާރޗްކުރާ އިރު އެކަމަކާ ގުޅުން ހުރި ވިކިޕީޑިއާ އާޓިކަލް ދައްކާދޭނެއެވެ. ސަފާރީގައި އެންމެ އުނދަގޫ އެއް ކަންތައް ކަމަށްވާ ޓެބްތައް ގިނަވެގެން ގޮސް ކަނާތްފަރާތައް ގެއްލޭ މައްސަލައަށް ހައްލެއް ދިނުމުގެ ގޮތުން އެޕަލް އިން ވަނީ ޓެބްތައް ސްކްރޯލް ކޮށްލެވޭ ގޮތަށް ހަދާފައެވެ. މެކްބުކްގެ ފަސޭހަ ޓްރެކްޕެޑް އިން ސްކްރޯލް ކޮށްލެވުން މިއީ މިކަމަށް އޮތް ހައްލެއްތޯ އިނގޭނީ ޔޯސެމިޓީ އާއްމުން ބޭނުންކުރަން ފެށުމުންނެވެ.

ޔޯސެމިޓީގައި އެޕަލްގެ އައިއޯއެސް ފައިންޑަރ އިން ހޯދާލުމުން ކްލައުޑްގައި ރައްކާކޮށްފައިވާ ޑޮކިއުމަންޓްތައްވެސް ފެންނަގޮތަށް “އައިކްލައުޑް ޑްރައިވް” ފީޗާއެއްވެސް ވަނީ ތައާރަފް ކޮށްފައެވެ. މީގެ މާނައަކީ ފޯނުގެ އައިއޯއެސް އަށް އަޅާފައިވާ އެޕްލިކޭޝަން ތަކުގައިވާ ފައިލްތަކާ ޑޮކިއުމަންޓްތައްވެސް ފައިންޑަރ އިން ސާރޗްކޮށްލުމުން ފެންނާނެއެވެ. އަދި އައިކްލައުޑް ޑްރައިވްގެ ސަބަބުން އެއް މެކް ޑިވައިސްގައި ހުރި ފައިލްތައް އަނެއް ޑިވައިސްއިން ސާރޗްކޮށްލެވޭއިރު، ވިންޑޯސް އަޅާފައިވާ ޑިވައިސްތަކުގައި ޝެއާ ކޮށްފައިވާ ޑޮކިއުމަންޓްތައްވެސް އައިކްލައުޑް ޑްރައިވް ގެ ސަބަބުން ފެންނާނެއެވެ.

އޯއެސްއެކްސް ޔޯސެމިޓީގައި އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ އައިއޯއެސް އާއި އޯއެސްއެކްސް ޑިވައިސްތަކާ ގުޅާލެވޭ “އެއާޑްރޮޕް” ފީޗާއެވެ. މީގެ މާނައަކީ އައިއޯއެސް ބޭނުންކޮށްގެން ފޯނުގައިވާ ފައިލެއް ކޮމްޕިއުޓަރަށް، ނުވަތަ ކޮމްޕިއުޓަރުގައިވާ ފައިލެއް އައިޕްޑަށް، އެއާޑްރޮޕް މެދުވެރިކޮށް ފޮނުވޭނެއެވެ.

ހަމަ މިއާ އެކު ދެން އެންމެ ތަރުހީބުލިބިގެން ދިޔަ ކަމަކީ އެޕަލްގެ އައު “ކޮންޓިނިއުޓީ” ފީޗާއެވެ. ކޮންޓިނިއުޓީ ގެ ސަބަބުން ފޯނަށް އަންނަ ފޯނުތަކާ މެސެޖްތަކަށް މެކްބުކް އިން ޖަވާބުދެވެއެވެ. މީގެ މާނައަކީ ގޭގެ އަނެއްފަރާތުގައި ފޯނު އޮތް ކަމުގައި ވިޔަސް، ފޯނެއް އައުމުން ކޮމްޕިއުޓަރު ކައިރީގައި އިނދެ، ކޮމްޕިއުޓަރުން ފޯނަށް ޖަވާބުދެވޭނެކަމެވެ.

ޔޯސެމިޓީ އަކީ އެމެރިކާގެ ކެލިފޯނިއާގައި އޮންނަ ގައުމީ ޕާކަކަށް ކިޔާ ނަމެކެވެ. ޔޯސެމިޓީ ނެޝަނަލް ޕާކަކީ 3 ކައުންޓީއެއް ހުރަސްކޮށް، ބޮޑުމިނުގައި 3000 އަކަ ކިލޯމީޓަރު ހުންނަ ޕާކެކެވެ. އެޕަލްގެ އޯއެސް އެކްސް އޮޕަރޭޓިން ސިސްޓަމް އަށް ދެމުން އައި ނަންތައް އެމެރިކާގެ ފާހަގަކޮށްވޭ ހިސާބުތަކުގެ ނަންތަކަށް ބަދަލުކޮށްފައިވަނީ 2013 ވަނަ އަހަރު އޯއެއެސް އެކްސް މެވްރިކްސް އާ އެކުގައެވެ.

އެޕަލްގެ އައު ކޮމްޕިއުޓާ އޮޕަރޭޓިން ސިސްޓަމް އޯއެސްއެކްސް 10.10 ޔޯސެމިޓީ އާއްމުންނަށް ދޫކުރަން ފަށާނީ މި އަހަރުގެ ސެޕްޓެމްބަރ ހިސާބުގައި ކަމަށް އެޕަލް އިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު