ދަރުމަވަންތަ ސްކޫލް ތަޅާލައި އަލުން އިމާރާތް ކުރަން ނިންމައިފި

ދަރުމަވަންތަ ސްކޫލުގެ އިމާރާތް ބާވެ، ރެނދުލާފައި ވާތީ އެ އިމާރާތް ތަޅާލައި އަލުން އިމާރާތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ސަން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ އަންނަ އަހަރު އެމަސައްކަތް ފަށަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

"... 2015 ވަނަ އަހަރުން ފެށިގެން ދަރުމަވަންތަ ސްކޫލު ތަޅާލައި އެތަން އަލުން އިމާރާތް ކުރަން މިނިސްޓްރީން ވަނީ ނިންމާފައި،" ޑރ. ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ސްކޫލް ތަޅާލައި އާއިމާރާތުގެ މަސައްކަތަށް ފަށާތީ، ދަރުމަވަންތަ ސްކޫލް ހިންގާނެ ވަގުތީ އިމާރާތެއް ހެދުމުގެ މަސައްކަތް ކުރުމަށް ވެސް މިނިސްޓްރީން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ އެ ސްކޫލަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އިންޖީނިއަރުންނާއި ހަވާލުކުރުމުން އެފަރާތުން އެކުލަވާލި ރިޕޯޓުގައި އެގޮތަށް ލަފާދީފައި ވާތީ ކަމަށް ނަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޖިނިއަރުންގެ ޓީމުން އެކުލަވާލި ރިޕޯޓުގައި ބައެއް ކްލާސްރޫމްތަކާއި ލެބޯޓަރީތައް ކަރަންޓީނުކޮށްފައި ބެހެއްޓުމަށް ލާފާދީފައިވާކަމަށެވެ. އެހެންކަމުން އެގޮތަށް މިހާރު އަމަލުކުރަން ފަށާފައިވާ ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.

"އެފަދަ ތަންތަން އެއްވެސް ގޮތަކަށް ބޭނުންނުކުރުމަށް ނިންމައި ރެޑް ޓޭޕް މިހާރު ވަނީ ދަމާފައި،" ނަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ރިޕޯޓުގައި ލަފާދީފައި ވަނީ ބައެއް ކްލާސްރޫމްތަށް މަރާމާތުކޮށްގެން މިއަހަރު ނިމެންދެން ބޭނުންކުރުމަށް ކަމަށާއި އެފަދަ ކްލާސްރޫމްތައް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ދަރުމަވްނަތަ ސްކޫލަށް ލިބިފައިވާ ގެއްލުންތައް ފޮޓޯ ނެގުމުގެ ހުއްދައަކަށް އެދުމުން އެ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ދީދީ ވިދާޅުވީ އެކަމުގެ ހުއްދަދޭނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވީ ސްކޫލުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ ނޫސްތަކުގައި ފޮޓޯ ޖަހައިގެން ނޫންކަމަށެވެ. އަދި އެ ސްކޫލަށް ލިބިފައިވާ ގެއްލުންތައް ބަލާލުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.

" ... ސްކޫލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނީ ނޫސްތަކުގައި ފޮޓޯ ޖަހައި، ޕަބްލިކް ޕެނިކް ކޮށްގެންނެއް ނޫން،" ނަޒީރު ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލުގެ އިމާރާތް ބާވެ، ބޭނުން ނުކުރެވޭ ވަރު ވެގެން ތަޅައިލަން ނިންމި އިރު މަޖީދިއްޔާ ސްކޫލުގައި އިމްތިހާނު ހޯލެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ދާރުލް އުލޫމު އިމާރާތް ވެސް ހުރީ އެފަދަ ހާލެއްގައެވެ. ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލު ދެބަޔަކަށް ބަހައިގެން އުފައްދާފައިވާ ސްކޫލެކެވެ. އެދެ ސްކޫލުން މިހާރުވެސް ބައެއް އިމާރާތްތައް ހިއްސާކުރާ ކަމަށް މަޖީދިއްޔާގެ ބައެއް މުދައްރިސުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު