އަފްޣާން މެޗު އުނދަގޫ ވިޔަސް މޮޅު ވެވޭނެ ކަމުގެ އުންމީދު އެބައޮތް: ފަލަސްތީން ކޯޗު

އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލްގައި މަދަމާ ހަވީރު، އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ މެޗު އުނދަގޫ ވާނެ ކަމަށާއި އެހެން ނަމަވެސް އެ މެޗުން މޮޅު ވެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ފަލަސްތީން ޓީމުގެ ކޯޗު ޖަމާލު މަހްމޫދު ބުނެފި އެވެ.

ފަލަސްތީން ޓީމު މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައި ވަނީ، ގްރޫޕް ސްޓޭޖް ގައި އެޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، އަދި ބައިކޮޅަށް ލަނޑެއް ވެސް ވަނަ ނުދީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ކޯޗު މަހްމޫދު ބުނީ، އޭނާގެ ޓީމާ އަޅާބަލާ އިރު އަފްޣާން ޓީމު ވަނީ މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރު ވެފައި ކަމަށެވެ. އެހެން ނަމަވެސް ފަލަސްތީން ޓީމު ނުކުންނާނީ ރަނގަޅު ގޭމެއް ކުޅެ ފައިނަލް މެޗުން ޖާގައެއް ހޯދުމަށް ކަމަށް ވެސް ކޯޗު މަހްމޫދު ބުންޏެވެ.

"އަފްޣާނާ ދެކޮޅަށް ކުޅޭ މެޗު ވަރަށް އުނދަގޫ ވާނެ. ސަބަބަކީ އެ ޓީމު ވަނީ މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައި. އެހެން ނަމަވެސް އުނދަގޫ ނަމަވެސް މެޗުން މޮޅުވާނެ ކަމަށް،" ކޯޗް މަހްމޫދު ބުންޏެވެ.

މުބާރާތުގައި އަފްޣާން ކުޅުނު ހުރިހާ މެޗެއް ވެސް އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅެފައި ވާ އިރު ފަލަސްތީން މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެފައި ހަމަ އެއްދަނޑެއްގައި ސެމީ ކުޅެން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މަހުމޫދު ބުންޏެވެ.

"އަހަރެމެންނަށް ރާއްޖޭގެ ވެރިކަން ކުރާ ސިޓީގައި މެޗުތައް ކުޅެން ޖެހުމުން ވަރަށް ހިތްހަމަ ޖެހޭ. އަދި ކުޅުންތެރިންނަށް ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑުގައި ކުޅެ ވަރަށް ބޮޑަށް މި ދަނޑު ދަސްވެފައި އޮތުމަކީ މި ޓީމަށް ލިބޭ ސްޓްރޯންގް ޕޮއިންޓެއް،" ގައުމީ ދަނޑުގައި މެޗު ކުޅެން ލިބުމަކީ އެޑްވާންޓޭޖެއް ތޯ ސުވާލު ކުރުމުން ފަލަސްތީން ކޯޗު ބުންޏެވެ.

ގްރޫޕް ސްޓޭޖްގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަކީ އުންދަގޫ މެޗެއް ކަން ފާހަގަ ކުރަމުން ކޯޗު މަހުމޫދު ބުނީ، އޭނާގެ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ސެމީ ފައިނަލަށް ފުރިހަމައަށް ތައްޔާރު ވެގެން ކަމަށާއި އެހެން ނަމަވެސް މާދަމާގެ މެޗަށް ޓީމު ނެރޭއިރު ފުރަތަމަ 11 އަށް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

"މިވަގުތު ޓީމުގައި އިންޖަރީގެ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ކުރިއަށް އޮތް މެޗަށް ބައެއް ކުޅުންތެރިން ބަދަލު ކުރާނަން،" ކޯޗު އިތުރަށް ބުންޏެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލްގައި ފަލަސްތީނާއި އަފްޣާން ވާދަކުރާ މެޗު ކުޅޭނީ ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ހަވީރު 4:00ގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު