ސެމީ ފައިނަލްގެ ޓިކެޓް 9:30ގައި ވިއްކަން ފަށަނީ

އޭއެފްސީ ޗެލެންޖް ކަޕްގައި މާދަމާ ރޭ ރާއްޖެއާއި ފިލިޕީންސް ވާދަކުރާ ސެމީ ފައިނަލް މެޗުގެ ޓިކެޓް، މިއަދު ހެނދުނު 9:30 ގައި ވިއްކަން ފަށާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނީ، ޓިކެޓް ވިއްކާނީ ގަލޮޅު ދަނޑުގައި މަޖީދީ މަގު، އޮލިމްޕަސް ކަންމައްޗަށް ވާގޮތަށް ހުންނަ ގޭޓުން ކަމަށެވެ.

ރާއްޖެއާއި ފިލިޕީންސް ވާދަކުރާ ސެމީ ފައިނަލްމެޗު ގެ ޓިކެޓް ހޯދުމަށް އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް ގިނަ ބަޔަކު ވަނީ، ގަލޮޅު ދަނޑާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އަދިވެސް ޓިކެޓް ވިއްކުމަށް ކަނޑައެޅި ސަރަހައްދު ބޮޑެތި ކިޔުތައް ހަދާފައެވެ. އަދި އެހިސާބުތަކުގައި ހިނގި ބައެއް ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމުން ވަނީ އިއްޔެ ޓިކެޓް ވިއްކުން ހުއްޓައިލާފައެވެ.

ފުލުހުންނާ މަޝްވަރާކުރުމަށް ފަހު މިއަދު އަލުން ޓިކެޓް ވިއްކަން ފަށާއިރު އެފްއޭއެމުން ބުނެފައިވަނީ، މިއަދު ވިއްކާނީ ސެމީ ފައިނަލްގެ 150 ޓިކެޓާއި ފައިނަލް މެޗުގެ 1000 ޓިކެޓް ކަމަށެވެ.

އެފްއޭއެމުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ އިދާރާގެ ރައީސް އިލްހާމް އަހްމަދު ވިދާޅުވެފައި ވަނީ، ސެމީފައިނަލްގެ ޓިކެޓް އެއްކޮށް ވިއްކާ ގަޑީގައި، ޓިކެޓު ނަގާއިރު ލިބޭނީ ކޮންމެ މީހަކަށް އެއް ޓިކެޓު ކަމަށެވެ.

"އެއީ ސެމީ ފައިނަލް ނަމަ ސެމީ ފައިނަލް. ފައިނަލް ނަމަ ފައިނަލް. ދެ މެޗަކަށް އެކަކަށް ޓިކެޓެއް ނުލިބޭނެ،" އިލްހާމް އިއްޔެ ވިދާޅުވި އެވެ.

ޗެލެންޖް ކަޕްގެ ސެމީ ފައިނަލްގައި ރާއްޖެ ކުޅޭ މެޗުގެ މަދު ޓިކެޓް ކޮޅެއް މިއަދު ވިއްކަން ފަށާ އިރު ރޭ ފަތިހުއްސުރެ، އޮލިމްޕަސް ކައިރީގައި ގިނަ ބަޔަކު ވަނީ ޓިކެޓް ގަތުމަށް ކިޔުގައި ޖެހިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު