މިހާރު ކުރިއަށްދާ އޭއެފްސީ ޗެލެންޖް ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަށް ޓީމަށް ދެއްވާނެ ކަމަށް ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންނެވި 500،000 ރުފިޔާ ގައުމީ ޓީމާ ހަވާލުކޮށްފި އެވެ.
އެ ފައިސާ ގައުމީ ޓީމާ ހަވާލުކުރުން އޮތީ ޓްރޭޑާސް ހޮޓެލްގައި އެކަމަށް ހާއްސަކޮށް ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. ގައުމީ ޓީމާ ބައި މިލިޔަން ރުފިޔާގެ ޗެކް ހަވާލުކޮށްދެއްވީ ގާސިމް އެވެ. އަދި ޓީމުގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގަތީ، އެފްއޭއެމްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާ އަށް އިންތިހާބުވެވަޑައިގެންފައިވާ މެންބަރު އިލްހާމް އަހްމަދު އެވެ.
ރޭގެ އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ، ގައުމީ ޓީމަށް ލިބުނު އެ ފައިސާ އިންސާފުވެރިކަމާ އެކު ބައްސަވާނެ ކަމަށެވެ. އަދި ގާސިމަށް ޝުކުރު އަދާކުރައްވައި އިލްހާމް ވަނީ އެހެނިހެން ފަރާތްތަކުން ވެސް ގައުމީ ޓީމަށް ވެދެއްވެން އޮތް އެހީއެއްވެ ދެއްވުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު އެދެނީ ދިވެހި އެހެން ވިޔަފާރިވެރިން ވެސް އެބޭފުޅަކަށް ވެ ދެއްވެން އޮތް ވަރަކުން ގައުމީ ޓީމަށް އެހީތެރިކަމެއް ފޯރުވައިދިނުން." އިލްހާމް ވިދާޅުވި އެވެ.
ގައުމީޓީމުގެ މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ވިދާޅުވީ، ގާސިމް ވެދެއްވި އެހީފުޅުގެ ސަބަބުން ގައުމީ ޓީމަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށެވެ.
ޗެލެންޖް ކަޕްގެ ސެމީ ފައިނަލަށް ގައުމީ ޓީމް ދަތުރުކޮށްފި ނަމަ ޓީމަށް ހަދިޔާއެއްގެ ގޮތުގައި 1،000،000 ރުފިޔާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ޗެލެންޖް ކަޕްގެ ސެމީ ފައިނަލްގައި އަންނަ ހޯމަ ދުވަހުގެ ރޭ ރާއްޖެ ވާދަކުރާނީ ފިލިޕީންސާ ދެކޮޅަށެވެ.