ރެއާލް މެޑްރިޑް 10 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

އެތުލެޓިކޯ މެޑްރިޑް ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި 4-1 އިން މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑް 10 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި އެވެ.

ޕޯޗުގީޒްގެ ވެރިރަށް ލިޒްބަލްގައި މިރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސްޕެނިޝް ލީގުގެ ޗެމްޕިއަނުންނަށް މެޗުގެ ކުރި ހޯދައިދިނީ 36 ވަނަ މިނިޓްގައި އެޓީމުގެ އުރުގުއާއި ޑިފެންޑަރު ޑިއެގޯ ގޯޑިން އެވެ.

ދެ ޓީމުގެ ފަރާތުންވެސް ނޭވާ ހިފަހައްޓައިލަން ޖެހޭފަދަ ރީތި އަވަސް ކުޅުމެއް ފެނިގެން ދިޔަ ފައިނަލްގައި ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފަހު ހާފުގެ އިތުރު ވަގުތުގައި ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ނަތީޖާ ނެރުމަށް ކުޅުނު 30 މިނިޓްގެ ތެރޭގައި ރެއާލްއަށް ކުރި ހޯދައިދިނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޓޮޓެންހަމްއިން ރެއާލްއަށް ގެންދިޔަ ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލްއެވެ. ބޭލް ޖަހައިދިން ލަނޑާއެކު ރެއާލްއަށް ނަތީޖާ އިތުރަށް ފުޅާކޮށްދިނީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު މާސެލޯއެވެ.

މެޗުގެ އިތުރު ވަގުތުގެ 30 މިނިޓްގެ ކުޅުން ނިމި އިތުރަށް ދިން ހަތަރު މިނިޓްގެ ތެރޭގައި ރެއާލްގެ ހަތަރު ވަނަ ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރެއާލް އިން ޗެމްޕިއަންސް ލީގުގެ ތަށި މިރޭ އުފުލައިލުމާ އެކު އެޓީމުގެ ކެޕްޓަން އިކާ ކަސިއަސް ވެގެން ގޮސްފައިވަނީ ޔޫރަޕްގެ ފުޓްބޯޅައިގެ ތާރީހުގައި ވޯލްޑް ކަޕާއި، ޔޫރޯ އަދި ޗެމްޕިއަންސް ލީގު ޓްރޮފީ އުފުލައިލި ތިންވަނަ ކެޕްޓަނަށެވެ. އަދި އެޓީމުގެ ކޯޗު ކާލޯ އެންޗެލޮޓީ ވެގެން ގޮސްފައިވަނީ، ލިވަޕޫލްގެ ކުރީގެ ކޯޗު ބޮބް ޕެއިސްލީއަށް ފަހު ޗެމްޕިއަންސް ލީގު ތިންފަހަރު ކާމިޔާބުކުރި ހަމަ އެކަނި ކޯޗަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު