ފިލިޕީންސާއި އަފްޣާން ސެމީއަށް

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައި ފިލިޕިންސް އަދި އެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އަފްޣާނިސްތާން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުބާރަތުގެ ގްރޫޕް ސްޓޭޖްގައި މިއަދު ހަވީރު ކުޅުނު ފަހު މެޗުތަކުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ފިލިޕީންސް ވަނީ ތުރުކުމެނިސްތާން 2-0 އިން ބަލިކޮށް 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފައެވެ. އަދި އައްޑޫ ފުޓްބޯޅަ ދަނޑުގައި އަފްޣާނިސްތާނާއި ލާއޯސް ވާދަކުރި މެޗު، ލަނޑެއް ނުޖެހި އެއްވަރު ވުމުން އަފްޣާނަށް ވަނީ، ފަސް ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ލިބިފައެވެ.

މުބާރާތުގެ ސެމީގައި ފިލިޕީންސް ވާދަކުރަންޖެހޭނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަހޯދި ރާއްޖޭ ގައުމީ ޓީމާއެވެ. އަދި އަފްޣާނިސްތާން ވާދަކުރަން ޖެހޭނީ، ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރުކުރި ފަލަސްތީނާ ދެކޮޅަށެވެ.

ފިލިޕީންސާއި ތުރުކުމެނިސްތާން ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ 41 ވަނަ މިނިޓްގައި ތުރުކުމެނިސްތާނަށް ނަތީޖާ ބަދަލުކޮށްލަން ރަނުގެ ފުރުސަތެއް ލިބުނެވެ. ތުރުކުމެނިސްތާން ކުޅުންތެރިއަކު ފިލިޕީންސްގެ ގޯލް އޭރިޔާތެރެއިން ބޯޅައަކަށް އެރިވަގުތު ފިލިޕީންސް ކުޅުންތެރިއަކު އޭނާގެ ޖާޒީގައި ހިފައި ދަމައިގަތުމުން ރެފްރީ ވަނީ ތުރުކުމެނިސްތާނަށް ޕެނަލްޓީއެއް ދީފައެވެ. އެހެން ނަމަވެސް ބޮލިޔަން އެލެންސެންޑަރ ފޮނުވާލި ޕެނަލްޓީ، ފިލިޕިންސް ގޯލް ކީޕަރު މުލާ ވަނީ މަތަކޮށްފައެވެ.

ފިލިޕިންސްގެ ފުރަތަމަ ލަނޑު މެޗުގެ 48 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖަރުމަނު ލީގުގައި ކުޅޭ ހުނަރުވެރި މިޑްފީލްޑަރު ސްޓެފަން މާކޫސް ޝްރޮކްއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 72 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕެޓްރިކް އަލްކަލާ ރެއިޝެލްޓްއެވެ.


މެޗުގެ 78 ވަނަ މިނިޓުގައި ތުރުކުމެނިސްތާންގެ އިޓަލްމަޒޯފް ފަރުހާދަށް ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ރެފްރީ ވަނީ ރަތްކާޑު ދައްކައި އޭނާ ފޮނުވާލާފައެވެ. އެހެން ކަމުން މެޗުގެ ބާކީބައި އެޓީމުން ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުންނެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި މިއަދު އަފްޣާނާއި ލާއޯސް ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވެސް އެހާ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުއެވެ. މެޗަށް ނުކުތް އިރު ވެސް ލާއޯސް މުބާރާތުން ކަޓާފައެވެ. އަދި އަފްޣާން ޓީމުން ޑްރޯއަކުން ފުއްދާލައިގެންވެސް ގްރޫޕްގެ ދެވަނަ ލިބޭނެކަން އެނގޭތީ އެޓީމުގެ ކުޅުންތެރިންގެ ކިބައިވެސް މުޅި މެޗުގައި ވެސް ފެނިގެންދިޔައީ ކުރިން އެޓީމު ކުޅުނު މެޗުތަކާ އަޅާކިޔާއިރު ވަރަށް އާދައިގެ ކުޅުމެކެވެ.

މުބާރާތުގެ ސެމީގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 27 ވާ ހޯމަދުވަހުއެވެ. އެގޮތުން ހޯމަދުވަހު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ސެމީގެ ފުރަތަމަ މެޗަށް ނުކުންނާނީ ފަލަސްތީނާއި އަފްޣާން އެވެ. އަދި ހަމަ އެރޭ 9:00ގައި ދެވަނަ ސެމީގައި ވާދަކުރާނީ ރާއްޖެއާ ފިލިޕީންސެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު