ޗެލްސީގެ ޑޭވިޑް ލުއިޒް ރެކޯޑް ފީއަކަށް ޕީއެސްޖީއަށް!

ޗެލްސީގެ ބްރެޒިލް ޑިފެންޑަރު ޑޭވިޑް ލުއިޒް، 40 މިލިޔަން ޕައުންޑުގެ ރެކޯޑް ފީއަކަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ވިއްކާލަން އެ ދެކްލަބުން އެއްބަސްވެސްޖެ އެވެ.

ޕޯޗްގީޒްގެ ބެންފިކާއިން 2011 ވަނަ އަރުގެ ޖެނުއަރީ މަހު 21.3 މިލިޔަން ޕައުންޑަށް ޗެލްސީއާ ގުޅުނު ބްރެޒިލްގެ އުމުރުން 27 އަހަރުގެ ސެންޓްރަލް ޑިފެންޑަރު ޕީއެސްޖީއާ ގުޅޭނީ ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގައެވެ.

މީގެ ކުރިން އެންމެ އަގުބޮޑު ޑިފެންޑަރުންގެ ގޮތުގައި ކްލަބްތަކަށް ބަދަލުވި ފަސް ޑިފެންޑަރުންގެ ތެރޭގައި، އޭސީ މިލާނުން ޕީއެސްޖީއަށް 36 ޕައުންޑަށް ގުޅުނު ތިއާގޯ ސިލްވާއާއި ލީޑްސް ޔުނައިޓެޑުން 33.1 މިލިޔަން ޕައުންޑަސް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ރިއޯ ފާޑިނަންޑް އާއި ރޯމާއިން 27 މިލިޔަން ޕައުންޑަށް ޕީއޭސްޖީއާ ގުޅުނު މާކޫނިއޯސް އާއި ބެންފިކާއިން 27 މިލިޔަން ޕައުންޑަށް ރެއާލް މެޑްރިޑާ ގުޅުނު ފަބިއޯ ކޮންޓްރާއޯ އަދި ޕޯޓޯއިން 25 މިލިޔަން ފައުންޑަށް ރެއާލްއަށް ބަދަލުވި ޕެޕޭ ހިމެނެއެވެ.

ޕީއެސްޖީއަށް ލުއިޒް ދޫކޮށްލަން ޗެލްސީން ނިންމި އިރު އޭނާ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ސޮއިކުރި ފަސް އަހަރުގެ އެއްބަސްވުމުގައި ބާކީ ތިން އަހަރު އެބަ އޮތެވެ. އެހެން ނަމަވެސް ޗެލްސީގެ ކޯޗު ކަމާ ހޯޒޭ މޮރީނިއޯ އެނބުރި ހަވާލުވި ފަހުން އޭނާގެ ފުރަތަމަ 11 ކުޅުންތެރިންގެ ޕްލޭންގައި ލުއިޒް ހިމަނާފައެއް ނުވެއެވެ.

ޗެލްސީގެ ވެބްސައިޓްގައި ބުނެފައިވަނީ، މިހާރު ކުރިއަށްދަނީ ޕީއެސްޖީއާ އެކު ލުއިޒް ވާންޖެހޭ އެއްބަސްވުންތަކާއި އޭނާގެ މެޑިކަލްގެ ކަންތައް ކަމަށެވެ.

ރެކޯޑް ޓްރާންސްފާ ފީއަކަށް ލުއިޒް ޕީއެސްޖީއަށް ބަދަލުވާއިރު، ފާއިތުވީ ދެ އަހަރު ދުވަހުގެ ތެރޭގައި އޭނާ ގެންދަން ސްޕެއިންގެ ބާސާއިން ވެސް ވަނީ މަސައްކަތްކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލުއިޒް ދޫކޮށްލަން މޮރީނިއޯ ނިންމާފައިވަނީ، ޓީމުގެ ފޯވަޑްލައިން ވަރުގަދަކުރުމަށް ފަންޑު ކުރުމަށެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ޖެނުއަރީގައި 37.1 މިލިޔަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑަށް މިޑްފީލްޑަރު ހުއާން މަޓާ ވެސް ވިއްކާލައިފައެވެ.

ޗެލްސީއަށް ގެންނަން މަސައްކަތްކުރާ ފޯވަޑުންގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ޑިއެގީ ކޮސްޓާ ހިމެނެއެވެ.

ޗެލްސީ ދޫކޮށް ޕީއެސްޖީއަށް ލުއިޒް ބަދަލުވާއިރު އޭނާވަނީ ޗެލްސީއަށް 143 މެޗު ކުޅެ އެޓީމަށް 12 ލަނޑު ޖަހައިދީފައެވެ. އޭގެ ތެރޭގައި 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގު ޗެލްސީއަށް ހޯދައިދިނުމަށް ބަޔާން މިއުނިކް ކޮޅަށް ޖެހި ޕެނަލްޓީއާއި 2013 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލްގައި ބެންފިކާ ކޮޅަށް ޖެހި ލަނޑު ހިމެނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު