ތިން ޕޮއިންޓާއެކު ކިރްގިސްތާނާއި މިޔަންމާ ކަޓައިފި

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖްގައި ކިރްގިސްތާނާއި މިޔަންމާ މިރޭ ވާދަކުރި މެޗުން 1-0 އިން ކިރްގިސްތާން މޮޅުވެ ހޯދި ތިން ޕޮއިންޓާއި، ރާއްޖެ އަތުން މިޔަންމާ ހޯދި ތިން ޕޮއިންޓާއެކު މި ދެ ޓީމު މުބާރާތަށް އަލްވަދާއުކިޔައިފި އެވެ.

މި ގްރޫޕްގައި ރާއްޖެއާއި ފަލަސްތީން މިރޭ ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ވުމުން ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ފަލަސްތީނެވެ. އަދި ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ރާއްޖެ އެވެ.

މި މެޗުގެ ޝަރަފްވެރި މެހެމާނަކީ ރައްޔިތުންގެ މަޖިލީހުގެ ސ. މީދޫ ދާއިރާއަށް އިންތިޚާބުވެފައިވާ މެންބަރު ރޮޒައިނާ އާދަމް އެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ފެށި މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ކިރްގިސްތާނުންނެވެ. މެޗުގެ ހަތްވަނަ މިނިޓްގައި އެ ޓީމުގެ ލަސިޗޭފް އަނިޓޯލީފޮނުވާލި ހަމަލާ އަމާޒުވީ މިޔަންމާގެ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 17 ވަނަ މިނިޓްގައި މިޔަންމާގެ މިޑްފީލްޑަރު ޑޭވިޑް ތާން ފޮނުވާލި ހަމަލާ ކިރްގިސްތާނުގެ ގޯލްކީޕަރު މަތިއަޝް ޕަވެލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ކިރްގިސްތާނަށް ކާމިޔާބުކޮށްދިނީ 19 ވަނަ މިނިޓްގައި އެ ޓީމުގެ ފޯވާޑް ވެރެވްކިން ވްލަޑްމީރު އެވެ.

މެޗުގެ 25 ވަނަ މިނިޓްގައި މިޔަންމާއިން ކިރްގިސްތާންގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ހަމަލާ، ކިރްގިސްތާން ގޯލް ކީޕަރު މެތިއަސް ދިފާއުކުރި އެވެ. އަދި އޭގެ ދެ މިނިޓް ފަހުން ކިރްގިސްތާން ޕެނަލްޓީ އޭރިޔާ ބޭރުން މިޔަންމާއަށް ލިބުނު ހިލޭ ޖެހުމެއް، މެތިއަޝް ދިފާއުކޮށް ފޮނުވާލި ބޯޅަ އެނބުރި މިޔަންމާ ކުޅުންތެރިއަކަށް ލިބުމުން އޭނާ ވަނީ އަނެއްކާ ވެސް ބޯޅަ ގޯލާ ދިމާއަށް ފޮނުވާލައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައި ވާ އިރު ބޯކޮށް ވެހެމުން ދިޔަ ވާރޭ ފެށި ދެވަނަ ހާފްގައި ރަނގަޅަށް ކުޅުނީ ކިރްގިސްތާނެވެ. 64 ވަނަ މިނިޓްގައި ކިރްގިސްތާން ކުޅުންތެރިއަކު މިޔަންމާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ އެޓީމުގެ އެހެން ކުޅުންތެރިއަކަށް ދިނުމުން ފޮނުވާލި ބާރު ހަމަލާ ގޯލްކީޕަރު ތިހާސިތޫ ސަލާމަތްކުރީ ގޯލް ރޮނގުމަތިންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް މިޔަންމާއިން ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. މިޔަންމާ ކުޅުންތެރިއަކު ކިރްގިސްތާނުގެ ގޯލް އޭރިޔާ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ މިޔަންމާގެ އެހެން ކުޅުންތެރިއަކު ބޮލުން ޖަހައި ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑި ކައިރިންނެވެ.

މި ނަތީޖާއާއެކު މި ދެޓީމަށް ވެސް ވަނީ، އޭއެފްސީ ޗެލެންޖެ ކަޕުގެ އެންމެ ފަހު މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ. ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ތުރުކުމެނިސްތާނާއި ފިލިޕީސްން ވާދަކުރާއިރު ހަމަ އެގަޑީގައި އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގައި ވާދަކުރާނީ އަފްޣާނިސްތާނާއި ލާއޯސް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު