ރާއްޖެ ތާރީހީ ސެމީ ފައިނަލަކަށް

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް އޭ ގެ ސެމީގެ ދެ ޖާގަ ރާއްޖެ އާއި ފަލަސްތީނުން ކަށަވަރު ކޮށްފި އެވެ. މިއީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު، އޭއެފްސީ ސަރަހައްދުގައި ކުޅޭ ދެވަނައަށް އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބިއަށް ސަން މީޑީއާ ގްރޫޕްގެ ފަރާތުން މަރުހަބާކިޔަމެވެ. އަދި ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާގެ ގޮތުން ދިވެހި ލޮބުވެތި ސަޕޯޓަރުން ޓީމަށް ދިން ތަރުހީބަށް، ދިވެހި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު ކިޔަމެވެ.

މުބާރާތުގެ ސެމީގެ ޖާއްގައެއް ރާއްޖެއިން ކަށަވަރުކުރީ މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ފަލަސްތީނާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެ ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ފަލަސްތީން ސެމީން ޖާގަ ހޯދީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.
ލިބުނު ކާމިޔާބީއާއެކު ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ސަޖިދައަށް ތިރިވެފައި-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން (ސޮއްޕެ)

މި ގްރޫޕްގައި މިރޭ އައްޑޫ ފުޓްބޯޅަ ދަނޑުގައި މިޔަންމާ އާއި ކިރްގިސްތާން ވާދަކުރި މެޗުން ކިރްސްތާން މޮޅުވީ 1-0 ލަނޑުންނެވެ. އެހެން ކަމުން ތިން މެޗު ކުޅެގެން މި އިން ކޮންމެ ޓީމަކަށް ވެސް އެއް މޮޅާއެކު ލިބުނު ތިން ޕޮއިންޓާއެކު ވަނީ މުބާރާތުން ކަޓައިފަ އެވެ.

މިރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި މެޗު ފަށައިގެން ކުރީ ކޮޅުގައި ރާއްޖޭ ޓީމުން ފަލަސްތީނު ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. މެޗުގެ ހަ ވަނަ މިނިޓުގައި ފަލަސްތީނުގެ ޕެނަލްޓީ އޭރިޔާ ބޭރުން މުޙައްމަދު އުމޭރު ފޮނުވާލި ބާރު ހިލޭޖެހުން، ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި އެޓީމުގެ ކުޅުންތެރިޔާގެ ގައިގަ ޖެހިފައި "ޑިފްލެކްޓް"ވި ބޯޅަ އެޓީމުގެ ގޯލް ކީޕަރު އަދި ކެޕްޓަން ރަމްޒީ ޞާލިހް މަތަކުރީ އެވެ.

ރާއްޖޭ ޓީމުބް ވަނީ މެޗުގެ ކުރީކޮޅުގައި ބަދަލެއް ގެނެސްފަ އެވެ. މެޗުގެ 16 ވަނަ މިނިޓްގައި ރާއްޖޭ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިޔާޒް (ބޮކުރީ)ގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި ކުޅެން އެރުވީ އަލީ ފާސިރު (ސެންޓޭ) އެވެ.


ދެޓީމުގެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި ފަލަސްތީނުގެ ކުޅުން ތަންކޮޅެއް ވަރުގަދަ ކަމަށް ފެނިގެން ދިޔަ އެވެ. އެގޮތުން 24 ވަނަ މިނިޓްގައި ފަލަސްތީނުގެ އަބޫ ޖަޒަރު މޫސާ ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑީގެ އިންޗިއެއްހާ މަތިންނެވެ.

މެޗުގެ 30 ވަނަ މިނިޓްގައި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ފަލަސްތީނުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފައްދަން މަސައްކަތްކުރި އެވެ. އެހެން ނަމަވެސް ފަލަސްތީނުގެ ޑިފެންސް ލައިނުން ވަރުގަދައަށް މާކުކޮށްފައި ހުރުމުން ދަގޭއަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ. އޭގެ ހަތް މިނިޓް ފަހުން ދަގަނޑޭ އަނެއްކާ ވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. 37 ވަނަ މިނިޓްގައި ފަލަސްތީނު އޭރިޔާ ތެރެއިން އެޓީމުގެ ދެކުޅުންތެރިން ކަޓުވާލާފައި ދަގަނޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު ރަމްޒީގެ އަތަށެވެ.

މެޗުގެ 39 ވަނަ މިނިޓްގައި ރާއްޖޭ ހާފު ތެރެއިން ރިލްވާން ވަހީދު (ރިލޭ) އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ފަލަސްތީނުގެ އަހުމަދު ވްރިދަތު ރާއްޖޭ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއް ނުވި އެވެ.

ދެ ވަނަ ހާފު ފެށިގެން ތިންވަނަ މިނިޓް ތެރޭގައި ރާއްޖޭ ޓީމަށް ހަމަލާއެއް އުފައްދަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ފަލަސްތީން ޕެނަލްޓީ އޭރިޔާތެރެއަށް އުމޭރު ފޮނުވާލި ބޯޅައަށް އަރައި ހުރި ސެންޓޭއަށް ބޯޅަ ލިބުމުގެ ކުރިން ފަލަސްތީން ޑިފެންޑަރުން ވަނީ ބޯޅަ ފޮނުވާލާފަ އެވެ.

މެޗުގެ 63 ވަނަ މިނިޓްގައި ފަލަސްތީނުގެ ޕެނަލްޓީ އޭރިޔާ ބޭރުން ރާއްޖެއަށް ލިބުނު ހިލޭޖެހުމެއް ދަގަނޑޭ ވަރަށް ރީތިކޮށް ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސްކޮށްދިން ނަމަވެސް ބޯޅައަށް އަރާހުރި އަޝްހަދު އަލީ (އަޑުބަރޭ) ބޮލުން ޖަހައި ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ. އޭގެ ތިން މިނިޓް ފަހުން ދަގަނޑޭ އެކަނި ފަލަސްތީނު ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ގޯލަށް ފޮނުވާލަން އުޅެނިކޮށް ފަލަސްތީން ކުޅުންތެރިން ވަނީ ދަގަނޑޭ ވައްޓާލުމަށް ފަހު ބޯޅަ ބެރުކޮށްލާފައެވެ. ރާއްޖޭ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލް ކުރިނަމަވެސް ރެފްރީ ދެއްކީ ކޯނަރެއް ކަމަށެވެ.

މެޗު ނިމެންދިޔަ އިރު ފަލަސްތީނު ކުޅުންތެރިންގެ ފަރާތުން ފިޔައީ ވަރުބަލިކަން ފެންނަމުންނެވެ. އަދި އެ ޓީމުގެ ކުޅުންތެރިން މެޗުގެ ވަގުތު ބޭކާރު ކުރުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް ރާއްޖޭ ޓީމުން ދިޔައީ ގޯލެއް ޖެހޭތޯ މެދުކެނޑުމެއް ނެތި މަސައްކަތްކަތްކުރަމުންނެވެ.

މިރޭގެ މެޗުން ފަލަސްތީނާއި ރާއްޖެ ވާދަކުރި މެޗު އެއްވަރުވި އިރު މީގެ ކުރިން މި ދެޓީމު ވާދަކުރި ފުރަތަމަ ފަހަރު، ނޭޕާލްގައި 2012 ވަނަ އަހަރު ބޭއްވި ޗެލެންޖް ކަޕްގައި ރާއްޖެ ވަނީ 2-0 އިން ފަލަސްތީނު އަތުން ބަލިވެފަ އެވެ.

މިރޭގެ މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން އެވެ.

ސެމީގައި ރާއްޖެ ވާދަކުރަން ޖެހޭ ޓީމެއް އެނގޭނީ މާދަމާ ހަވީރު އައްޑޫ ފުޓްބޯޅަ ދަނޑުގައާއި މާލޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ ގްރޫޕް ބީ ގެ ތުރުކުމެނިސްތާނާއި ފިލިޕިންސް އަދި އަފްޣާނިސްތާނާއި ލާއޮސް ކުޅޭ މެޗުތަކުން ނުކުންނަ ނަތީޖާއަކުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު