އޭއެފްސީން ރާއްޖެއަށް އަދަބެއް ދޭނެ: އިލްހާމް

ރާއްޖޭގައި މިހާރު ކުރިއަށް ދާ އޭއެފްސީ ޗެލެންޖު ކަޕުގައި ކިރުގިސްތާނާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވި މެޗަށްފަހު އޭއެފްސީގެ ހުއްދަ ނެތި ބައެއް ފަރާތްތަކުން ދަނޑަށް އެރި މައްސަލައިގައި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ރާއްޖެއާ ދޭތެރޭގައި ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު މިއަދު ވިދާޅުވީ، ދަނޑަށް ކުޅިބަލަން ވެންނެވި ބައެއް ފަރާތަތަކުން ހުއްދަނެތި ދަނޑަށް އެރުއްވި މައްސަލައިގައި އެފްސީން ވަނީ ރާއްޖެއާ ދޭތެރޭގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފައި ކަމަށާއި އެހެން ނަމަވެސް އަޅާނެ ފިޔަވަޅެއް އަދި އަންގާފައި ނުވާ ކަމަށެވެ.

"ވީއައިޕީ އާއި ވީވީއައިޕީއަށް ވަޑައިގަންނަވާ ބޭފުޅުންނާއި އެހެނިހެން ހާއްސަ މެހެމާނުންނަށް ވެސް އަޅުގަނޑު ދަންނަވާލަން ބޭނުން، ކުރިން ރޭ ހިނގި ހާދިސާއާ ގުޅިގެން އަޅުގަނޑުމެންނާ ދޭތެރޭގައި އޭއެފްސީން ވަނީ ފިޔަވަޅު އަޅަން ނިންމާފައި. ވީއައިޕީ އާއި ވީވީއައިޕީއަށް ވެސް އެކިއެކި މުއައްސަސާތަކުން 400 ވަރަކަށް ބޭފުޅުން ދަނޑަށް އެބަ ވަޑައިގަންނަވާ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެއްވެސް ބޭފުޅަކު އެގޮތަށް ދަނޑަށް އަރާވަޑައި ނުތުމަށް،" އިލްހާމް ވިދާޅުވި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ބުދަ ދުވަހުގެ ރޭ ކިރްގިސްތާން އަތުން 2-0 އިން މޮޅުވި މެޗަށްފަހު، ރޮސްޓްރަމްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދަނޑަށް އެރުމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ހުއްދަ ދީފައި ވަނީ، ކުރީގެ ތިން ރައީސުންނާއި އެ ބޭފުޅުންގެ ތިން ބޮޑީގާޑަށެވެ. އެހެން ނަމަވެސް އެ ވަގުތު އެތަނުގައި ތިބި އޭއެފްސީގެ އޮފިޝަލުން އިތުރު ބޭފުޅުން ދަނޑަށް ނޭރުމަށް އިންޒާރުދެމުން ދަނިކޮށް، އެތަނުގައި ތިއްބެވި އިސް ބައެއް އޮފިޝަލުންނާއި، ސެކިއުރިޓީ އޮފިޝަލުންތަކެއް ވަނީ ދަނޑަށް އަރައިފަ އެވެ.

އިލްހާމް ވިދާޅުވީ، ރާއްޖެ މިޔަންމާއާ ދެކޮޅަށް ކުޅުނުރޭ ކުޅި ބަލަން ތިބި ސަޕޯޓަރުންގެ ތެރެއިން ވެސް ޒުވާނަލު ދަނޑަށް އެރި މައްސަލައިގައި ވެސް ފިޔަވަޅު އަޅަން އޭއެފްސީން ނިންމާފައިވާ ކަމަށާއި އެ ފިޔަވަޅަކީ ކުޑަ "ޖޫރިމަނާއަކަށް" ބަދަލު ކުރެވޭތޯ މަސަކަތް ކުރައްވަމުން އަންނަ ކަމަށެވެ.

"އެހެން ކަމުން ވީއައިޕީއާއި ވީވީއައިޕީއާއި، ސެކިއުރިޓީ ބަލަހައްޓަވާ ފަރާތަކާއި އަދި ދަނޑަށް ކުޅިބައްލަވަން ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ރީތި ޑިސިޕްލިން އެއް ހިފެހެއްޓެވުމަކީ އެފްއޭއެމުން ވަރަށް ބޮޑަށް އެދޭ ކަމެއް،" އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

އޭއެފްސީން ގަބޫލުކުރާ ފެންވަރަށް ދަނޑުގެ ސެކިއުރިޓީ ހަމަނުޖެއްސޭނަމަ މިރޭގެ މެޗު ނުކުޅޭނެ ކަމަށް އޭއެފްސީން އެންގުމާ ގުޅިގެން އެފްއޭއެމުން ދަނީ، މިރޭގެ މެޗަށް ރޮސްޓްރަމްއަށް އަރަން ހުންނަ ތިން ސިޑީގައި ގޭޓް ހަރުކުރުމުގެ މަސައްކަތްކުރަމުން ކަމަށް އިލްހާމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު