މިރޭގެ މެޗް ޝަރަފްވެރިކުރުމުގެ ދައުވަތު ރައީސް ވަހީދަށް އަރުވައިފި

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިރޭ ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗު ޝަރަފްވެރި ކޮށްދެއްވުމުގެ ދައުވަތު ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދަށް އަރުވައިފި އެވެ.

ރައީސް ޑރ. ވަހީދަށް މެޗު ޝަރަފްވެރިކޮށްދެއްވުމުގެ ދައުވަތު ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ އދ. ދަނގެތީ ދާއިރަގެ މެންބަރު އިލްހާމް އަޙްމަދު އެވެ.

މުބާރާތް ޝަރަފްވެރިކޮށްދެއްވުމުގެ ދަޢުވަތާ ހަވާލުވެވަޑައިގަތުމަށް ފަހު ޑރ. ވަހީދު ވިދާޅުވީ، މިރޭގެ މެޗު ޝަރަފްވެރިކޮށްދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ޝަރަފެއް ކަމަށެވެ.
"އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް މިރޭގެ މެޗުގެ ޝަރަފްވެރި މެހެމާންކަން އަދާކުރުމަކީ. އަޅުގަނޑަށް މި ފުރުސަތު ދެއްވީތޔީ އެފްއޭއެމް އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ، މި މުބާރާތުގައި ރާއްޖޭގެ ޓީމު ކުޅުނު މެޗުތައް އެމަނިކުފާނު ބެއްލެވި ކަމަށާއި ރާއްޖޭގެ ކުޅުންތެރިން ދައްކާފައިވަނީ ތައުރީފު ހައްގު، މޮޅު ކުޅުމެއް ކަމަށެވެ. އަދި މިރޭގެ މެޗުން ރާއްޖެ މޮޅުވާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ވެސް އެމަނިކުފާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިން ފެނިގެން ގޮސްފައިވަނީ ވަރަށް ކުޅަދާނަ، ހުނަރުވެރި ތަޖުރިބާކާރު ޓީމެއްގެ ގޮތުގައި. އެހެންވީމާ އަޅުގަނޑުގެ ޔަގީންކަން އިރާދަކުރެއްވިއްޔާ އެބަ އޮތް މިރޭގެ މެޗު އަޅުގަނޑުމެންނަަށް ކާމިޔާބު ވާނެކަން،" ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ، މިރޭގެ މެޗު ބައްލަވައިލެއްވުމަށް ވީހާވެސް ގިނަ ދިވެހި ސަޕޯޓަރުން ދަނޑަށް ވަޑައިގެން ދިވެހި ޓީމަށް ކުރިއަށްވުރެވެސް ބޮޑަށް ތަރުހީބުދީ ހިތްވަރުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އަދި ރާއްޖެ ކުޅުނު ދެވަނަ މެޗު ޝަރަފްވެރިކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު