ތުރުކުމެނިސްތާން ބަލިކޮށް އަފްޣާން ސެމީއާ ގާތަށް

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީ ގެ ހަތަރު ވަނަ މެޗުގައި މިރޭ ތުރުކުމެނިސްތާން 3-1 ލަނޑުން ބަލިކޮށް އަފްޣާނިސްތާން މި މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

މިރޭގެ މޮޅާއެކު އަފްޣާނުން ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ގްރޫޕްގެ ގްރޫޕް ބީ ގެ އެއްވަނައިގައި އޮތް ފިލިޕީންސާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފައެވެ. ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުގެ ސަބަބުން ނުވަ ކުޅުންތެރިންނާ އެކު ކުޅެ މިރޭގެ މެޗުން ބަލިވުމުން ކުރިން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕުގެ ތިން ވަނައިގައި އޮތީ ތުރުކުމެނިސްތާނެވެ. އަދި މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައިވާ ލާއޯސް އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.

މިރޭގެ މެޗު ފަށައިގެން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަފްޣާންގެ ބިލާލް އަރޭޒޫ ވަނީ ތުރުކުމެނިސްތާންގެ ގޯލަށް ނުރަށްކާތެރި ހަމަލާއެއް ފޮނުވާލައި އަދި ބޯޅަ ގޯލްތެރެއަށް ވައްދާލާފައެވެ. އެެހެން ނަމަވެސް ބިލާލް އެ ބޯޅަ ގޯލްތެރެއަށް ފޮނުވާލުމުގެ ކުރިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް ފައުލުކޮށްފައި ވާތީ ރެފްރީ ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމައިފައެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ތުރުކުމެނިސްތާންގެ ފޯވާޑް ދުރުދިޔޭވް އަފްޣާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ ކީޕަރު މަންސުރު ފަގިރްޔާރު ދިފާއުކުރި އެވެ. އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން މުހައްދޯފް ސުލޭމާން އަފްޣާންގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 41 ވަނަ މިނިޓްފައި އަފްޣާންގެ ޝަޔެސްތޭ ތުރުކުމެނިސްތާންގެ ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ އަފްޣާން ކުޅުންތެރިއަކަށް ލިބުމުގެ ކުރިން ތުރުކުމެނިސްތާން ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ.

އަފްޣާނިސްތާނަށް މެޗުގެ ކުރި ހޯދައިދިނީ، ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އެއް މިނިޓް ތެރޭގައި ލަނޑެއް ކާމިޔާބުކޮށްގެން އެޓީމުގެ ކެޕްޓަން ހާރޫން ފަޚުރުއްދީން އެވެ. ހާރޫން އެ ލަނޑު ކާމިޔާބުކުރީ، އަފްޣާނަށް ލިބުނު ކޯނަރެއް، ބިލާލް އަރޭޒޫ ތުރުކުމެނިސްތާންގެ ގޯލް އޭރިޔާތެރެއަށް ހުރަސްކޮށްލުމުން ބޮލުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ދެވަނަ ހާފްގެ ކުޅުން ފެށުމާއެކު އަފްޣާނުން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް ތުރުކުމެނިސްތާންގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. އެގޮތުން 56 ވަނަ މިނިޓްގައި މުސްތަފާ އަޒަދްޒޯއީ އަށް ގޯލް ޖަހަން ލިބުނު ރަނުގެ ފުރުސަތެއް އޭނާ ވަނީ ބޭކާރުކޮށްލާފައެވެ.

އަފްޣާންގެ ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ، މެޗުގެ 60 ވަނަ މިނިޓުގައި ޝަޔެސްތޭ ތުރުކުމެނިސްތާން އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ވަރަށް ބާރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަޙްމަދު އާރާޝް ހަތީފީ އެވެ.

އަފްޣާން ލަނޑު ޖެހިތާ ތިން މިނިޓްފަހުން ތުރުކުމެނިސްތާން މެޗުގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހަދޯފް ސުލޭމާން އެވެ. އަފްޣާން ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ މުހަދޯފް ވަނީ ވަރަށް ރީއްޗަށް ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ފުރަތަމަ ހާފްގައި ވެހެންފެށި ވާރޭ ދެވަނަ ހާފް ފެށުނު އިރުވެސް ދިޔައީ ބޯކޮށް ވެހެމުންނެވެ. ބޯ ވާރޭގެ ތެރޭގައި ދެޓީމުގެ ކުޅުންތެރިން ވެސް އިދިކޮޅު ޓީމަށް ނުރައްކާ ކުރަމުން ދަނިކޮށް، މެޗުގެ އޮއިވަރު ބަދަލުވީ ތުރުކުމެނިސްތާން ހާފުގެ މެދުތެރެއިން އަފްޣާން ކުޅުންތެރިއަކު އެކަނި ބޯޅަ ހިފައިގެން ދަނިކޮށް ކީޕަރު ގޮރްބުނޯފް ބޯޅައިގައި އަތްލުމުން ރެފްރީ އޭނާއަށް ރަތް ކާޑު ދެއްކި ހިސާބުންނެވެ.

ތުރުކުމެނިސްތަންގެ ކެޕްޓަން އަދި ގޯލްކީޕަރަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުން އެޓީމުގެ ކީޕަރަކަށް އެރީ މިޑްފީލްޑަރު އަހްމަދޯފް ބަހްތިޔާރް އެވެ.

އެއް ކުޅުންތެެރިއަކު މަދުން ކުޅެން ޖެހުނު ނަމަވެސް ތުރުކުމެނިސްތާން ތިމުން ކުރިއަށް ޖެހިގެން ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރަމުން ދަނިކޮށް އެޓީމުގެ "ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީ" މެޗުގެ 85 ވަނަ މިނިޓްގައި އަނައޮރަޒޯފް ސެރްދާރު އަށް ރެފްރީ ރަތްކާޑު ދައްކައި ނުވަ ކުޅުންތެރިންނަށް ބަދަލުކޮށްލި ހިސާބުންނެވެ.

އަފްޣާންގެ ސަންޖާރު މުޙައްމަދު އަހްމަދީ ބޯޅަ ހިފައިގެން ތުރުކުމެނިސްތާންގެ ހާފްގެ ތެރެއިން ދަނިކޮށް އެޓީމުގެ އަނައޮރަޒޯފް އޭނާ ހިފެހެއްޓުމުން ރެފްރީ އެންމެ ފަހު ކުޅުންތެރިޔާ ކަމަށް ބަލައި އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ.

އަފްޣާނަށް ތުރުކުމެނިސްތާންގެ ހާފުގެ މެދެއްހާހިސާބުން ލިބުނު ހިލޭ ޖެހުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެޓީމުގެ ތިންވަނަ ލަނޑު 86 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޝަޔެސްތޭ އެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުން ގޯލްގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފައިއެވެ.

ފަހު ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓާއެކު ތުރުކުމެނިސްތާނުން މެޗުގެ ބާކީބައި ފުރިހަމަކުރީ 9 ކުޅުންތެރިންނާއެކު އެވެ.

މި މެޗުން ބަލިވި ނަމަވެސް ތުރުކުމެނިސްތާނަށް ވެސް އަދި ދެވަނަ ބުރުގެ ފުރުސަތު އެބަ އޮތެވެ. ގްރޫޕް ބީގައި ފުރުސަތު ގެއްލިފައިވަނީ ހަމަ އެކަނި ލާއޯސް އަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު