އުމަރު ދެއްކެވި ވާހަކަތަކަކީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް: ދައުލަތް

ފަންސާސް ހަރުގަނޑު ބޭނުންކޮށްގެން ރާއްޖޭގެ ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް ވަނުމަށް ދޭހަވާ ގޮތަށް މުޒާހަރާއެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ދައްކަވާފައިވާ ވާހަކައަކީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުވާހަކައެއް ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާ ގުޅިގެން އުމަރު ނެންގެވި އިޖުރާއީ ނުކުތާ އަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ 2012 ވަނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ސަރަހައްދުގައި ބޭއްވި މުޒާހަރާގައި ދައުލަތުގެ އަމަންއާންމަށް ގެއްލުންލިބޭ ފަދަ ގޮތަކަށް އުމަރު ދައްކަވާފައިވާ ވާހަކައަކީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ދައްކަވާފައިވާ ވާހަކައެއް ކަމަށް ދައުލަތުން ދެކޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ދައުލަތުގެ ވަކީލު މިއަދު ވަނީ ވާހަކަ ދައްކަވާފަ އެވެ.

ގާޒީ އަބްދުﷲ ދީދީ މިއަދުގެ ޝަރިއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުލަތުގެ ވާހަކަތަކަށް ޖަވާބުދާރީވުމަށް އުމަރަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.

އުމަރު ނެންގެވި އިޖުރާއީ ނުކުތާގައި އެދިފައި ވަނީ އޭނާގެ މައްޗަށް ދައުވާކުރުމުގައި ހަވާލާދީފައިވާ މާއްދާ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާ ތައާރަޒުވާ ކަމަށާއި އެހެންކަމުން އެ މާއްދާ ބާތިލުކަމަށް ކަނޑައަޅައިދިނުމަށެވެ.

އެ ދައުވާ ކުރުމުގައި ހަވާލާދީފައިވާ "އާންމު ގާނޫނުތަކެއް"ގެ އަށް ވަނަ މާއްދާގައި ދެއްކުން މަނާ ވާހަކައިގެ ތިން ބާވަތެއް ބަޔާންކޮށްފައިވެ އެވެ. އޭގެތެރޭގައި އަމަންއަންމަށް ގެއްލުމެއް ލިބިދާނެ ވާހަކަ ދެއްކުމަކީ މަނާކަމެއް ކަމަށް ހިމަނާފައިވެ އެވެ.

އުމަރުގެ އިޖުރާއީ ނުކުތާގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އަށް ބެލުމުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ރާއްޖޭގައި ދެއްކޭނެ ވާހަކަ އާއި ނުދެއްކޭނެ ވާހަކަ ސަރީޚަ ނަސްޚުން ކަޅާއި ހުދުން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އަމަންއާންމަށް ގެއްލުމެއް ލިބިދާނެ ވާހަކަ ހިމަނާފައިނުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު