އިންޓަނެޓްގެ ރަސްގެފާނު ގޫގްލް ތަހުތުން ބާލައި ރަސްކަމުގެ ތާޖު ފޭސްބުކަށް

އަހަރު ނިމިގެން މި ދަނީ ދިރާސާކުރާ މަޝްހޫރު ކުންފުނިތަކުން ޓެކްނޮލޮޖީ ސިނާއަތުގެ އެކި ކަންކަމާއި ގުޅޭ ތަފާސްހިސާބުތައް އާންމުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.


އޮންލައިން ހިދުމަތްތައް ބޭނުންކުރާ މީހުންނާއި، އޮންލައިން ވެށި ދިރާސާކުރުމުގައި މަޝްހޫރު ކުންފުނި "އެކްޕީރިއަން ހިޓްވައިސް" އިން ދާދިފަހުން އާންމުކުރި ރިފޯޓް ބުނާ ގޮތުގައި އިންޓަނެޓްގެ ރަސްގެފާނަކީ މިހާރު ފޭސްބުކެވެ.


ރިފޯޓަށް ނަޒަރު ހިންގައިލާއިރު، 2010 ވަނަ އަހަރު އެންމެގިނަ ބަޔަކު ސާޗް ކޮށްފައިވާ ބަހަކީ "ފޭސްބުކް" އެވެ. އަދި ފޭސްބުކް ވަނީ ގޫގްލް ގެ މައްޗަށް ކުރި ހޯދައި، އެމެރިކާގައި އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރި ވެބްސައިޓުގެ މަގާމު ވެސް ހޯދައިފަ އެވެ. މުޅި އެމެރިކާގައި އިންޓަނެޓުން ކުރެވުނު ބޭނުންތަކުގެ 8.93 ޕަސެންޓް ފޭސްބުކުން ހިއްސާކުރާއިރު، ގޫގުލްއަށް ލިބިފައިވަނީ 7.19 ޕަސެންޓެވެ. ޔާހޫ އާއި ޔާހޫ މެއިލް އެކުގައި 6.82 ޕަސެންޓް އަތުލާފައި ވެއެވެ. ނަމަވެސް ޔޫޓިއުބާއި ޖީމެއިލް ފަދަ ގޫގުލްގެ ބެލެނިވެރިކަމުގެ ދަށުގައިވާ އެންމެހައި ވެބްސައިޓުތަށް އެއްކޮށްލުމުން 9.85 ޕަސެންޓާއެކު ގޫގުލް އަށް އަދިވެސް ކުރި ލިބެއެވެ.


މީގެ އިތުރުން 2009 ވަނަ އަހަރާއި މިއަހަރު ވެސް އެމެރިކާގައި އިންޓަނެޓް ބޭނުންކުރާ މީހުން އެންމެ ގިނައިން ސާޗްކޮށްފައިވާ ބަހަށް "ފޭސްބުކް" ވެފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ ކަަމަކީ ފޭސްބުކާއި ތިމާގެ ގިނަ އިބާރާތްތަކެއް، މިއަހަރު ލިސްޓުގެ ގަދަ 10 އެއްގައި ހިމެނިފައިވާކަމެވެ. އެގޮތުން facebook login ލިސްޓުގެ ދެ ވަނަ، facebook.com ހަ ވަނަ އަދި www.facebook.com އަށް ވަނަ މަޤާމު ވަނީ ކަށަވަރުކޮށްފަ އެވެ. މި އިބާރާތްތައް، މިއަހަރު އިންޓަރނެޓް ބޭނުންކުރި މީހުން އަތްފުނާއަޅައިފައިވާ ހުރިހާ ޢިބާރާތްތަކެއްގެ 3.46 ޕަސެންޓް ޙިއްސާކުރެއެވެ. މިއީ މިދިޔަ އަހަރު ފޭސްބުކް އޮތް ހިސާބަށް ބަލާއިރު 207 ޕަސެންޓް ކުރިއެރުމެކެވެ.


ފާހަގަ ކޮއްލެވޭ އެހެނިހެން ލަފުޒުތަކުގެ ތެރޭގައި ޔޫޓިއުބް، ކްރެއިގްލިސްޓް، މައިސްޕޭސް، އީބޭ، އަދި މެޕްކުއެސްޓް ހިމެނިފައިވާއިރު، ބޮޑެތި ކުންފުނިތަށް ކަމުގައިވާ ހުލޫ އާއި ނެޓްފިކްސް އަދި ވެރައިޒަން އާއި އީއެސްފީއެން ވެސް ވަނީ ލިސްޓުގެ ވަރަށް ކުރިން ޖާގަ ހޯދައިފައެވެ. "ގޭމްސް" މި ލަފުޒުވެސް ވަނީ  ފުރަތަމަ ފަހަރަށް ލިސްޓުގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ.


މި ތަފާސްހިސާބުތަކަށް ބަލާއިރު މާ ލަސްތަކެއްނުވެ ފޭސްބުކުން، ގޫގްލްގެ މުޅި ޢާއިލާގެ މައްޗަށް ގަދަވެގަންނާނެކަމަށް ވަނީ ބެލެވިފައެވެ. އަދި މިއީ ހައިރާންކުރުވަނިވި ކަމެއް ނޫންކަމަށާއި ފޭސްބުކް އުފެދުނީއްސުރެ ހެދިފޯދެމުން އައި ހަލުވިމިނަށް ބަލާއިރު ކުރިންވެސް މި މަންޒަރު ސިފަވަމުން އައިސްފައިވާ ކަމަށް ޓެކްނޮލޮޖީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު