އަފްޣާން ރިޔާސީ ރޭސް ކާމިޔާބުކުރުމުގެ ފުރުސަތު ޢަބްދުﷲ އަބްދުﷲ އަށް ބޮޑުވެއްޖެ

ކާބުލް (މޭ 12) : އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމުގެ ފުރްސަތު ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވި ޢަބްދުﷲ އަބްދުﷲ އަށް ބޮޑުވެގެން ހިނގައްޖެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެވަނަ ބުރު ކާމިޔާބު ކުރައްވައިގެން އަފްޣާން ރިޔާސަތަށް ވަޑައިގަތުމުގެ ފުރްސަތު ޢަބްދުﷲ އަބްދުﷲ އަށް ބޮޑުވެގެން ދިޔައީ ފުރަތަމަ ބުރުގައި ތިންވަނަ އަށް އެންމެ ގިނައިން ވޯޓު ހޯއްދެވި ޒަލްމާއި ރަސޫލް، ޢަބްދުﷲ އަބްދުﷲ އަށް ތާއީދު ކުރެއްވުމަށް ނިންމަވައި އެކަން އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ. ކާބުލްގައި އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި ޒަލްމާއި ރަސޫލް ވަނީ ޢަބްދުﷲ އަބްދުﷲ އަށް ވޯޓު ދިނުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފަ އެވެ. ޒަލްމާއި އަކީ ސަޕޯޓަރުން ގިނަ ބޭފުޅެއް ކަމަށް ވެ އެވެ.

ޒަލްމާއި ވިދާޅުވީ އަފްޣާނިސްތާނަށް ހަމަޖެހުމާއި ސުލްޙައާއި ތަރައްގީ ގެނެވޭނީ އަބްދުﷲ އަށް ކަމަށާ ރައީސް ޙާމިދު ކަރުޒާއި ވެސް ތާއީދުކުރައް ވަނީ އަބްދުﷲ އަށް ކަމުގަ އެވެ. އަދި އަބްދުﷲ އަބްދުﷲ އަށް ދެވަނަބުރުގައި ކޭންޕޭން ކޮށްދެއްވަން ނުކުމެވަޑައިގަންނަވާނެ ކަމަށް ވެސް ޒަލްމާއި ރަސޫލް ވިދާޅުވި އެވެ. ޒަލްމާއި ރަސޫލް އަކީ އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވި ކެންޑިޑޭޓުންގެ ތެރެއިން ފުރަތަމަ ބުރުގައި ރައީސް ހާމިދު ކަރުޒާއިގެ ތާއީދު ލިބިވަޑައިގެންނެވި ކެންޑިޑޭޓެވެ. ފުރަތަމަ ބުރުން ޒަލްމާއި ނާކާމިޔާބުވުމުން ދެވަނަ ބުރުގައި ވާދަކުރައްވާ ދެކެންޑިޑޭޓުންގެ ތެރެއިން ކަރުޒާއި ތާއީދުކުރައް ވަނީ އަބްދުﷲ އަބްދުﷲ އަށް ކަމަށް ޚަބަރުތައް ބުނެ އެވެ.

އަބްދުﷲ އަކީ ކަރުޒާއިގެ ސަރުކާރުގައި ދިގު މުއްދަތަކަށް ޚާރިޖީ ވަޒީރުކަން ކުރައްވާފައިވޭ ބޭފުޅެކެވެ. މިދި ޔަމަހު ބޭއްވި އަފްޣާން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަށް ގޮސްފައި ވަނީ އަބްދުﷲ އަބްދުﷲގެ އިތުރުން ކުރީގެ މާލީ ވަޒީރެއް ކަމަށްވާ އަޝްރަފް އަބްދުލްޣަނީ އެވެ. އެހެންކަމުން ދެވަނަ ބުރުގެ ރޭހުގައި އަފްޣާން ރިޔާސަތަށް ވާދަކުރައްވާނީ މިދެބޭފުޅުންނެވެ. ފުރަތަމަ ބުރުގައި އަބްދުﷲ އަބްދުﷲ އަށް ލިބިވަޑައިގެންފައި ވަނީ 44.5 އިންސައްތަ ވޯޓެވެ. އަޝްރަފް އަބްދުލްޣަނީ އަށް ލިބިވަޑައިގެންފައި ވަނީ 31.5 އިންސައްތަ ވޯޓެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު