ޖަނެރޭޓަރުތަކުގައި މައްސަލަޖެހި، ގެމަނަފުށިން ކަރަންޓު ކެނޑިއްޖެ

ގއ. ގެމަނަފުށީ އިންޖީނުގޭގައި ބޭނުންކުރަމުން އަންނަ ޖަނެރޭޓަރުތަކުގައި މައްސަލަޖެހި، ރަށުން ކަރަންޓު ކެންޑިއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ ޖަނެރޭޓަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑުނީ މިއަދު ހަވީރު 4:30 އެހައިކަށް ހާއިރު ކަމަށެވެ.

ޝިޔާން ވިދާޅުވީ މުޅި ރަށަށް ކަރަންޓު ދެމުންއައި 144 ކިލޯވޯޓުގެ ޖަނެރޭޓަރުން ހަލާކުވިބައި މަރާމާތުކުރުމަށް އެ އަތޮޅު ވިލިނގިއްޔަށް ފޮނުވާފައިވާ ކަމަށާއި، ކަރަންޓުގެ މައްސަލަ ހައްލުކުރެވޭނެ ވަގުތެއް ދަންނަވަން ނޭނގޭ ކަމަށެވެ.

"ވިލިނގިއްޔަށް ފޮނުވާފައި ވަނީ އިންޖީނުން ހަލާކުވި ބައި މަރާމާތު ކުރުމަށް. އެބައި މަރާމާތުކޮށްގެން ރަށަށް ނެގެވޭނެ އިރެއް ނޭނގޭ. އެހެންވީމަ ކަރަންޓުގެ މައްސަލަ ހައްލުކުރެވޭނެ ވަގުތެއް ދަންނަވަން ނޭނގެ،" ޝިޔާން ވިދާޅުވި އެވެ.

ކަރަންޓުގެ މައްސަލައާ ގުޅިގެން އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު މިރޭ ވަނީ އިންޖީނުގޭ ސަރަހައްދަށް ގޮސް މުޒާހަރާ ކޮށްފަ އެވެ.

މިކަމާ ބެހޭގޮތުން ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު