ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުނުވާ މައްސަލަ ހައްލުކުރަން ޖެހޭނީ ކޯޓުތަކުން: އުއްތަމަ ފަނޑިޔާރު

ޖިނާއީ މައްސަލަތަކުގެ ޝަރީއަތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ހާޒިރުނުވާ މައްސަލަ ހައްލު ކުރަންޖެހޭނީ އެ މައްސަލައެއް ބަލާ ކޯޓަކުން ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

ސަން އަށް މިއަދު ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އުއްތަމަ ފަނޑިޔާރު ފާއިޒު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތަސް ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ އަމުރަކުން މީގެ ކުރިން އަންގާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޝަރީއަތުގެ މަޖިލީހަށް ވަކީލުން ހާޒިރުނުވުމަކީ އާންމު ކަމެއް ކަމަށާއި ނަމަވެސް ޕީޖީ އޮފީހުގެ ވަކީލުން "ޝަރީއަތަށް ހާޒިރުނުވާން ތިބިކަމުގައި ވަނީ ނަމަ" އެކަން ހައްލުކުރާނީ އެ މައްސަލައެއް ބަލާ ކޯޓަކުންކަމަށެވެ. އަދި އެކަން ހައްލުކުރާނެ ގޮތްތައް ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުނުވާ ނަމަ އެކަން ހައްލުކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެންޖެހިދާނެތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އަދި އެފަދަ ހާލަތަކަށް ނުދާ ކަމަށެވެ.

ޝަރީއަތްކުރުމަށް އިޖުރާއީ ހައްލު ހޯދައި ދިނުމަކީ ސުޕްރީމް ކޯޓުން ކުރަންޖެހޭ ކަމެއް ކަމަށާއި އެ ހައްލު ހޯދައިދިނުމަށް އެ ކޯޓުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ކޯޓަށް ވަޑައިނުގަންނަވާ ނަމަ ޕީޖީ އޮފީހުގެ ވަކީލުންނާ މެދު ފިޔަވަޅު އެޅިދާނެތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމަވާނީ އެ މައްސަލައެއް ބައްލަވާ ފަނޑިޔާރު ކަމަށެވެ.

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިސްތިއުފާ ދެއްވި ފަހުން ޕީޖީ އޮފީހުގެ އެއްވެސް ވަކީލަކު ޝަރުއީ އެއްވެސް ކޯޓަކަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ. އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު ހަމީދު ފަހުމީ ސޮއިކުރައްވައި މާލޭގައި ހުރި ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސޯސް ލިބިގެންވާ ހުރިހާ ކޯޓުތަކަށް އިއްޔެ ފޮނުވި ސިޓީގައި، އެ އޮފީހުގެ ވަކީލުން ކޯޓުތަކަށް ވަޑައިގެން ދައުލަތުގެ ނަމުގައި ވަކާލާތުކުރުމުގެ ގާނޫނީ ހައިސިއްޔަތެއް މިހާރު ނެތް ކަމަށް ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު