ޝަމީމް އިސްތިއުފާ ދެއްވިޔަސް ޝަރީއަތްތައް ކުރިއަށް ގެންދާނަން: އަބްދުﷲ ގާޒީ

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިސްތިއުފާދެއްވި ނަމަވެސް ސުޕްރީމް ކޯޓުން ވަކިގޮތެއް ނާންގާހާ ހިނދަކު ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) މިއަދު ވިދާޅުވެއްޖެ އެވެ.
~
އަބްދުﷲ ގާޒީ "ސަން" އަށް މިއަދު ވިދާޅުވީ އެ ކޯޓުން އަމަލުކުރާނެ ވަކި ގޮތެއް ސުޕްރީމް ކޯޓުން ނާންގާހާ ހިނދަކު ކުރިއެކޭ ވެސް އެއްގޮތަށް ކޯޓަށް ހުށަހެޅިފައިވާ މައްސަކަތަކުގެ ޝަރީއަތް ކުރިއަށްދާނެ ކަމަށެވެ.

"ސުޕްރީމް ކޯޓުން އަންގާ ގޮތެއްގެ މަތިން ކްރިމިނަލް ކޯޓުން އަމަލުކުރާނީ،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

ގާނޫނު ބުނާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އެވެ. ނަމަވެސް އެ ދެ މަގާމުގައި ވެސް ބޭފުޅަނު ނެތް ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގާނޫގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ޅ. ގައި ބުނެފައި ވަނީ ޑެޕިއުޓީ ޕީޖީގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހޭނީ ޕީޖީ ކަމަށެވެ. ނަމަވެސް ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތުމުން އެ މަގާމަށް ވެސް ބޭފުޅަކު ދެން އައްޔަނެއް ނުކުރެވޭނެ އެވެ.

ގާނޫނީ މާހިރުން ވިދާޅުވާ ގޮތުން ޕީޖީ އޮފީސް "ރޫލް" ކުރާނެ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ މީހަކު ނެތުމުން، ޖިނާއީ އަދުލުގެ ނިޒާމް އޮތީ ހުއްޓިފަ އެވެ. ގާނޫނީ ވެރިޔަކު ނެތުމުން އެ އޮފީހުގެ ވަކީލުން ކޯޓުތަކަށް ވަކާލާތު ކުރުމަށް ވަޑައިގަތުމާމެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

ޕީޖީ އޮފީހުގެ ވަކީލަކު ވިދާޅުވީ އެ ބޭފުޅުން ދެން އަމަލު ކުރައްވާނީ ކޯޓުތަކުން އަންގާ ގޮތުގެ މަތިން ކަމަށެވެ. ގާނޫނު އޮތް ގޮތުން މިހާލަތުގައި އަމަލު ކުރާނެ ވަކި ގޮތެއް ނޭނގޭ ކަމަށް ޕީޖީ އޮފީހުގެ ވަކީލް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު