ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އިސްތިއުފާ ދެއްވައިފި

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު އިސްތިއުފާދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޝަމީމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުގެ މަސައްކަތަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސުޕްރީމް ކޯޓުގައި ދެންނެވިނަމަވެސް މިއަދާހަމައަށް ވެސް އެއިން އެއްވެސް ކަމަކަށް ހައްލެއް ހޯދާދީފައިނުވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަވަހަށް ދައުވާ ކުރުމަށް ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މައްސަލަ ހުށަހެޅޭތާ އެވްރެޖްކޮށް ފަސް ދުވަހުގެ ތެރޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމިފައިވާ ކަމަށެވެ. ނަމަވެސް ދައުވާ ކުރެވިފައިވާ މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާ އަވަސްގޮތެއްގައި ހިންގިފައިނުވާތީ ފުލުހުންކުރާ މަސައްކަތުގެ ނަތީޖާ ހާސިލްވާ މިންވަރާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނު ބުނާ ގޮތުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަންޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލް އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި އަހްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އިސްތިއުފާދެއްވި ފަހުން މިހާތަނަށް އެމަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ.

ގާނޫނުގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މާގާމް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެމަގާމަށް ބޭފުޅަކު އައްޔަން ކުރައްވަންޖެހޭނެ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި ރައީސް އޮފީސް އޮފީހުގެ މަސްއޫލިއްޔަތު ކަމުގައިވާ އެމަގާމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން އިއުލާން ކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް އޮފީހުން ފޮނުވި ގާނޫނީ ވަކީލު މައުމޫން ހަމީދުގެ ނަންފުޅަށް ވޯޓަށް އަހާފައި ވަނީ ގާނޫނުގައި ބުނާ މުއްދަތު ހަމަވިފަހުންނެވެ.

މައުމޫން ހަމީދު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ ރުހުން ނުލިބުމުން ދެވަނަ ފަހަރަށް ރައީސް އޮފީހުން ކުރި އިއުލާނާ ގުޅިގެން ފަސް ބޭފުޅަކު ވަނީ އެމަގާމަށް ކުރިމަތިލައްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު