އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގައި އިހުމާލުވި މީހާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގައި އިހްމާލުވި އިންޑިއާގެ ލެބް ޓެކްނީޝަންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ހުސައިން ނާޝިދު ވިދާޅުވީ އިންޑިއާގެ ކެރެލާ އަށް އުފަން ރާޖޭޝް ކަކަންތު ބަސްކަރަން، 32، ގެ މައްސަލަ ފުލުހުން އެ އޮފީހަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގައި ކަމަށެވެ.

އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބު ވިދާޅުވި ގޮތުގައި ރާޖޭޝް އިހްމާލުވެފައި ވަނީ ލޭ ހަދިޔާ ކުރި މީހާގެ ލެޔަކީ އެޗްއައިވީއަށް ޕޮޒިޓިވް ލެއެއް ކަމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގެ ލޭ ޓެސްޓު ކުރާ މެޝިނުން ދެއްކުމުން ވެސް އެ ލެޔަކީ އެޗްއައިވީ ނެގެޓިވް ލެއެއް ކަމަށް ރިޕޯޓުގައި ލިޔެފައިވުމުންނެވެ.

މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަފުޅު ދައްކަވަމުން ހަބީބު ވިދާޅުވެފައި ވަނީ މާބަނޑު އަންހެން މީހާގެ ގަޔަށް އެޗްއައިވީ ލޭ އެޅި ދުވަހު ލެބް ޓެކްނީޝަން ކުއްލި ގޮތަކަށް އިންޑީއާއަށް ފުރައިގެން ދިޔަ ކަމަށާއި އެނބުރި ރާއްޖެ އައީ ދެ ދުވަސް ފަހުން ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ އަމިއްލަ ބޭނުމެއްގައި ކަމަށް ހަބީބު ވިދާޅުވި އެވެ.

އެޗްއައިވީ ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅުނީ އަމިއްލަ އިހްމާލުން ކަމަށް ރަޖޭޝް އެއްބަސްވެފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. ނަމަވެސް އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް އޭނާ އެއްބަސްވެފައި ނުވާ ކަމަށް ހަބީބު ވަނީ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު