ގާނޫނީ ދާއިރާގެ ފަންނު އިތުރަށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އެބަ ކުރަން: އޭޖީ

ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގެ ފަންނު އިތުރަށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ގާނޫނީ ދާއިރާއަށް އަލަށް ގުޅުނު ގާނޫނީ ވަކީލުން ހުވާކުރުމަށް މިއަދު ކަސްޓަމްސްގެ ޖަލްސާކުރާ މާލަމްގައި އޮތް ރަސްމިއްޔާތެއްގައި ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ މިއަހަރު އަލަށް ފެށޭ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ލީގަލް ޕްރޮފެޝަން ބިލެއް ހުށައެޅުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. މިހާރުގެ ނިޒާމް އޮންނަ ގޮތުން ޝަރުއީ ދާއިރާގެ ފުރަތަމަ ޑިގްރީއެއް ނަގައިގެން ގާނޫނީ ވަކީލަކަށް ވެވުނުކަމުގައި ވިޔަސް އެ ބިލާއެކު އިތުރު މަރުހަލާތަކެއް ކަޑަށްތުކުރުމަށްފަހު ނޫނީ ގާނޫނީ ވަކީލަކަށް ނުވެވޭނެ ނިޒާމެއް ގާނޫނުގެ ތެރެއިން ކަނޑައެޅުމަށް މަސައްކަތް ކުރައްވާކަމަށް އަނިލް ވިދާޅުވިއެވެ.

"މިހާރުގެ ނިޒާމް އޮންނަގޮތުންނަމަ ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްގެން ޝަރުއީ ދާއިރާގަ ކޯޓުތަކުގަ ވަކާލާތުކުރެވޭ. އެހެންނަމަވެސް ޕިއުޕިލޭޖް، ޗެމްބަރިން އަދި ގާނޫނީ އޮފީހެއްގަ މަސައްކަތް ކޮށްގެން ނޫނީ ގާނޫނީ ވަކީލަކަށް ނުވެވޭގޮތަށް އެ ނިޒާމް ކަނޑައެޅޭތޯ އެބަ މަސައްކަތް ކުރަން." އަނިލް ވިދާޅުވިއެވެ.

އަނިލް އިތުރަށް ވިދާޅުވީ މިހާރަކަށް އައިސް ރާއްޖޭގައި އެކި ކަންކަމަށް ވަރަށް ބޮޑަށް ކަންކަމުގައި ހިޔާލު ތަފާތުވެފައި ވާކަމަށެވެ. އަދި އޭގެ ސަބަބުން ގާނޫނީ ދާއިރާގެ ޕްރޮފެޝަން އަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާ ކަމަށާއި ނަމަވެސް އެކަންތަށްތަކަށް ބެލުމެއްނެތި ފަންނު ކުރިއެރުވުމަށް ހުރިހާ އެންމެން ގުޅިގެން އެކުގައި މަސައްކަތް ކޮށްދެއްވުމަށް ވެސް އަނިލް އެދިވަޑައިގެންނެވި އެވެ. އަދި އެކަންކަން ހައްލުކުރުމަށް ގާނޫނީ ވަކީލުންނަށް އެކިއެކި އެވެއާނެސް ޕްރޮގްރާމް ތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަށް ހިންގުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

އޭގެ އިތުރުން ރަށްރަށަށް މި ޕްރޮފެޝަން އަދިވެސް ފެތުރިގެން ނުދާކަން ފާހަގަކުރައްވާ އަނިލް ވިދާޅުވީ އެކަމުގެ ސަބަބުން އެކި ކަންކަމުގައި މާލެއިން ބޮޑުއަގެއް ދީފައި ގާނޫނީ ވަކީލުން ހޯދަން އެ ރައްޔިތުންނަށް ތަކުލީފަކަށް ވެފައި ވާކަމަށެވެ. އެހެންކަމުން ގާނޫނީ ވަކީލުންގެ ތެރެއިން ބޭފުޅުންކޮޅެއް އިސްނަގައިގެން އެކަން ހައްލުކުރުމަށް ކޮންމެވެސް މަސައްކަތްތަކެއް ކޮށްދެއްވުމަށް ގާނޫނީ ވަކީލުންގެ އަރިހުން އަނިލް އެދިވަޑައިގެންނެވި އެވެ.

އެޓާނީ ޖެނެރަލްގެ ކުރިފުޅު މަތީގައި މިއަދު 39 ގާނޫނީ ވަކީލުން ހުވާކުރި އިރު މިހާރުވެސް ރާއްޖޭގައި 750 އަށް ވުރެ ގިނަ ގާނޫނީ ވަކީލުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ލަފާކުރެވޭކަމަށް އޭޖީ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު