އައްޔުބެ މަރާލިކަން ސާބިތު ކުރަން ހެކި ހުށަހަޅައިފި

ދެހާސް ބާރަ ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ދ. ކުޑަހުވަދޫ ސަމަންދަރު އަލީ ހަސަން މަރާލި ކަމަށް ތުހުމަތު ކުރެވޭ އެރަށު ފަނަސް، ފައުޒާން މުހައްމަދާ ދެކޮޅަށް ދައުލަތުން މިއަދު ހެކި ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ކުރި ދައުވާ އަށް ފައުޒާން އިންކާރު ކުރުމުން ހަތަރު މީހަކު ހެކީންގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ. އަދި ޑީއެންއޭ ރިޕޯޓާއި މަރުސާބިތުކުރި ފޯމް ވެސް ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ.

ދައުވާ އަށް ޖަވާބުދާރީވަމުން ފައުޒާން ބުނީ ދައުވާ ސާފުވެއްޖެކަމަށާއި ދައުވާ އަށް އިންކާރުކުރާ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށްގެންދަން ބޭނުން ވަނީ ގާނޫނީ ވަކީލަކާ ނުލައި ކަމަށް ވެސް އޭނާ ބުންޏެވެ.

ފައުޒާންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ އިތުރު ބަޔަކު ގުޅިގެން އައްޔުބެ މަރާލުމަށް ރާވައި 2012 ވަނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހުގެ ރޭ 00: 7 އެހައިކަންހާ އިރު، އެ ރަށު ދަނޑި މިސްކިތްމަގުން އައްޔުބޭ ހިނގާފައި ދަނިކޮށް އައްޔުބެ އަށް ހަމަލާދިނުމަށް ފަހު، ފަހު އެ މަގުގައި ހުންނަ ފަޅު ގޯއްޗެއްގެ ތެރެއަށް ވައްދައި އައްޔުބެ އަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލާފައިވާ ކަމަށެވެ.

އައްޔުބެ މަރާލި ކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރި އެވެ. ނަމަވެސް އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް އައްޔުބެ މަރާލުމުގައި ބައިވެރިވި ދެ ކުއްޖަކު މެރުމަށް އެ ކޯޓުން ވަނީ މިދިޔަ އަހަރު ހުކުމްކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު