އަލްހާނަށް ހަމަލާދިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ސަން އަށް އެނިފައިވާގޮތުގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ކުރިން އެ ދެ މީހުންނަށް ޖަހައިދިން ބަންދުގެ މުއްދަތު ހަމަވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް މިރޭ ކޯޓަށް ހާޒިރުކުރުމުންނެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ރައްޓެހިންތަކަކާއެކު ރެސްޓޯރެންޓެއްގައި ކޮފީއެއް ބޯން އިންދައި އަލްހާންގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކު ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމް އެވެ.

ގަވާއިދު ބުނާގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓޭނީ ތިން ކަމެއް ފުރިހަމަވެގެންނެވެ. ފުރަތަމަ ކަމަކަށް އެ މައްސަލައެއްގެ ތަހުގީގު ނިމިފައިވާން ޖެހެއެވެ. އަދި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިހުރުމާއި ތުހުމަތު ކުރެވޭ މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި ބަޔަކަށް ވާންޖެހޭނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު