މުހީތު މަރާލަން ހަމަލާދިން ދެ ވަނަ ކުއްޖާ ވެސް މަރުގެ ހުކުމް އިސްތިއުނާފުކޮށްފި

ގ. ވޭރު އަބްދުލް މުހީތު މަރާލުމުގެ ކުށް ސާބިތުވެ މެރުމަށް ހުކުމް ކޮށްފައިވާ ދެ ވަނަ ކުއްޖާ ވެސް މަރުގެ ހުކުމް އިސްތިއުނާފު ކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެ ކުއްޖާގެ ގާނޫނީ ވަކީލު ވިދާޅުވީ ޖުވެނައިލް ކޯޓުން އިއްވި މަރުގެ ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހެޅި މިއަދު ކަމަށެވެ.

މުހީތު މަރާލި އިރު އެ ކުއްޖާ އަށް 18 އަހަރު ފުރިފައިނުވި ނަމަވެސް މިހާރު އެ ކުއްޖާ އަށް ވަނީ 18 އަހަރު ފުރިފަ އެވެ.

ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 1:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދައެވެ.

މަރުގެ ހުކުމް އިއްވި ފުރަތަމަ ކުއްޖާ ވެސް ވަނީ މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް ވެސް ހައިކޯޓުގައި ވަނީ ފަށައިފަ އެވެ.

ޖުވެނައިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ދެ ކުދިން ދައުވާ އަށް އިންކާރު ކުރި ނަމަވެސް ހެކީންގެ ހެކިބަހުންނާއި ޝަރީއަތަށް ހުށަހެޅުނު އެހެނިހެން ހެކިތަކުންނާއި ގަރީނާތަކުން އެދެ ކުދިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށެވެ.

އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އެ މައްސަލައިގައި ދައުލަތުން ދައުވާކުރި ތިން ވަނަ ކުށްޖާގެ މައްޗަށް ކުށްސާބިތު ނުވާ ކަމަށް ވެސް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ތިން ވަނަ ކުއްޖާގެ މައްޗަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު މުހީތަށް ވަޅިން ހަމަލާދިނުމުގައި އެ ކުއްޖާ ބައިވެރިވި ކަމަށް އެކަކު ހެކިބަސް ދީފައިވާއިރު އިތުރު އެއްވެސް ހެއްކަކު އެ ކުއްޖާ އެކަމުގައި ބައިވެރިވި ކަމަށް ބުނެފައި ނުވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި ހެކި ގަރީނާ ތަކުގެ ތެރޭގައި ހިމެނޭ ސީސީޓީވީ ފްޓޭޖްތަކުގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލްގެ އެންޓްރެސް ޕޯޓިކޯ ކައުންޓަރުގެ ސީސީޓީވީ ފްޓޭޖުން ނެގިފައިވާ ކްލިޕްތަކުން ދައުވާ ލިބޭ މީހުންގެ ތެރޭގައި ހިމެނޭ ދެ ކުދިން އެ ހާދިސާ ހިނގި ގަނޑީގެ ފަހުގެ ވަގުތެއްގައި އެ ހޮސްޕިޓަލްގެ ތެރޭގައި އެ ކަމުގައި ބައިވެރިވިކަމަށް ބެލެވޭ އެހެން މީހުންނާ އެކު ހަރަކާތްތެރިވާ މަންޒަރު ފެންނަން ހުރި ކަމަށެވެ.

އެ ދެ ކުދިން ބޭނުންކުރި މޯބައިލް ނަންބަރުތަކުގެ އިންޓަސެޕްޓަޑް ކޯލްތަކުގެ ވޮއިސް ރެކޮގްނިޝަން އެނަލިސިސް ސައިބާ ސެކިއުރިޓީ މެލޭޝިޔާ އިން ހެދުމަށްފަހު ތައްޔާރުކޮށްފައިވާ ކޭސް ރިޕޯޓުގެ ފަސް ވަނަ ޕޮއިންޓްގައި އަޑުދިމާވެފައިވާ މީހުންގެ ތެރޭގައި އެ ދެކުދިން ހިމެނޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ކޯލްތަކުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އެ ވާހަކަތަކަކީ އެ އަމަލުގައި ބައިވެރިނުވާ މީހަކަށް އެނގޭނެ މައުލޫމާތުތަކެއް ނޫންކަމަށް ޝަރީއަތަށް ކަށަވަރު ކުރެވޭ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު