ވަޒީފާއިން ވަކިކުރި ފުލުހަކަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި

ތޫނުއެއްޗަކުން ފުލުހަކަށް ހަމަލާދިން މައްސަލައަކާ ގުޅިގެން ދައުވާ އުފުލިފައިވާ މީހަކާ ދެކޮޅަށް ހެކިބަސް ނުދިނުމަށް ފުލުހުންތަކަކަށް އެންގި ކަމަށް ބުނެ ވަޒީފާއިން ވަކިކުރި ފުލުހަކަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކ. ތުލުސްދޫ، ރޯޒީ، އަހްމަދު ހައިޝަމްއަށް އަލުން ވަޒީފާ ދިނުމަށް ހުކުމްކޮށްފައި ވަނީ އަނބުރާ ވަޒީފާ ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އޭނާ ދައުވާ ކުރި މައްސަލައެއް ބެލުމަށްފަހު އިއްޔެ އެވެ.

ހައިޝަމް އަދާކުރަމުންދިޔަ ވަޒީފާއާ އެއްފެންވަރެއްގެ ވަޒީފާއެއް 15 ދުވަހުގެ ތެރޭގައި ދިނުމަށާއި ވަޒީފާއިން ވަކިކުރި ދުވަސް ކަމުގައިވާ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން، ވަޒީފާ އަނބުރާ ދިނުމާހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރައާ އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ރައްދު ކުރުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ. އަދި އޭނާގެ ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނުމަށާއި މަގާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް ވެސް އެ ހުކުމްގައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ވަނީ އަންގާފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ، އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ތަހުގީގު ކުރުމުގެ ކަންކަން ކުރިއަށް ދަނިކޮށް އެ މަރުހަލާތައް ނުނިމެނީސް ކަމަށެވެ.

ތުހުމަތު ކުރެވިފައިވާ ކުށުގެ އަމަލާއި ގުޅުވައިގެން ޖިނާއީ އަދުލުގެ ނިޒާމުގެ ބޭރުން ފިޔަވަޅު އެޅުމަކީ ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ކޮށްފައިވާ ހުކުމްގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ކަމެއް ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު