ސަފާ އަންނަ މަހު ރާއްޖެ އަންނަން ޖެހޭނެ: އުމަރު

މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށުގައި ޖަލުހުކުމް ތަންފީޒުކުރަމުންދިޔަ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގު (ސަފާ) ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލި މުއްދަތު ހަމަވާނީ އަންނަ މަހުގެ 20 ގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ، ޖަލުގައި ހުކުމްތަންފީޒުކުރާ މީހުން ރާއްޖެއިން ބޭރަށް ފޮނުވާލަނީ އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ދެ ޑޮކްޓަރަކު ލިޔުމެއް ދިނުމުން ކަމަށާއި އެއީ ގާނޫނުތަކާއި ގަވާއިދު ހަމަޖެހިފައިވާ ގޮތް ކަމަށެވެ.

ހޯމްމިނިސްޓަރު ވިދާޅުވީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާ ގައިދީންނަށް ޕާސްޕޯޓުގެ ބަދަލުގައި ދޫކުރަނީ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއް ކަމަށެވެ. އަދި ޓްރެވަލް ޑޮކިއުމެންޓުގެ ދަށުން ރާއްޖެއިން ބޭރުގައި ހުންނަން ލިބޭ މުއްދަތު ހަމަވުމަށްފަހު އެމީހަކު ރާއްޖެ ނައިސްފިނަމަ އެގައުމެއްގައި ތާށިވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އެމީހަކު ނައިސްފިއްޔާ ދެން އެގައުމެއްގައި ތާށިވާނީ،" އުމަރު ވިދާޅުވި އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލާ މީހުން ފިލައިފިކަމުގައި ވަނީމަ "މަޑުންނުހުންނަވާނެ" ކަމަށާއި އެމީހަކު ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑްނޯޓިސް ނެރޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން އުމަރު ވިދާޅުވީ، ގަސްދުގައި މީހަކު މަރާލި މީހަކު މެރުމަށް މާދަމާ ސުޕްރީމް ކޯޓުން ކަނޑައެޅިޔަސް ގަވާއިދުގައި އޮންނަ އިޖުރާއަތުތައް ފުރިކޮށް މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގަސްދުގައި މީހަކު މާރާލުމުގެ ކުށް ސާބިތުވާ މީހާގެ ހުކުމް، ޖަލުހުކުމަކަށް ބަދަލުކުރުމުގެ އިޚްތިޔާރު މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިނުވާ ކަމަށެވެ.

އެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރަކީ ޓެރަރިޒަމްގެ ކުށްތަކާއި ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ގެއްލުންދޭ ހާލަތްތަކުގައި އިއްވޭ މަރުގެ ހުކުމް ޖަލުހުކުމަށް ބަދަލުކުރުމުގެ އިޚްތިޔާރު ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު