އަޅުގަނޑު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލުމަށް ފެންނަ ކަމަށް ރައީސް ވިދާޅުވި: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް ކުރިމަތިލެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވި ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އަށް ފަހު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް އެމަނިކުފާނު ކުރިމަތިލައްވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މެދުވެރިކޮށް ކަމަށެވެ.

"އެކަން ވެގެން އުޅުނުގޮތަކީ މިދިޔަ އަހަރު ނިމެމުން ދިޔަ އިރު އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމް އަޅުގަނޑުމެންގެ ޑިފެންސް މިނިސްޓަރު ނާޒިމް ފޮނުވާފައި ވިދާޅުވީ އާ ރައްޔިތުންގެ މަޖިލީސް އިންތިޚާބު ކުރެވުނީމާ އެ މަޖިލީހުގެ ރައީސަކަށް އަޅުގަނޑު ހަމަޖައްސަން ފެނިވަޑައިގަންނަވާ ވާހަކަ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން ދަނިކޮށް ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ ނާއިބް ރައީސް އަހްމަދު އަދީބުގެ އިތުރުން ޑިފެންސް މިނިސްޓަރު ނާޒިމަށް އެސްއެމްއެސް ކުރައްވައި މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވި ވާހަކަ ދަންނަވާފައިވާނެ ކަމަށެވެ. އަދި އެކަން ރަސްމީކޮށް އިއުލާން ކުރެއްވީ އެބޭފުޅުންނަށް ދެންނެވުމަށް ފަހު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން ދަނިކޮށް އަޅުގަނޑު ރައީސް މައުމޫނަށް ދެންނެވިން އަދި ހަމައެހެންމެ އަޅުގަނޑު ދެންނެވިން ޔަމީނަށް އެސްއެމްއެސް އަކުން އަދި ނާޒިމަށް ވެސް ދެންނެވިން. އަދި އަދީބަށް ވެސް ދެންނެވިން. ދަންނަވާލާފައި އަޅުގަނޑު އިއުލާން ކުރީ އަޅުގަނޑު ޝައުގުވެރިވާހަކަ،"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލެއްވީ އިސްލާހަށް ޓަކައި މަސައްކަތް ކުރެއްވުމަށް ކަމަށާއި އެހެންކަމުން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ނިންމުން ބަދަލުނުކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ޕީޕީއެމްގެ ބޭފުޅަކު ބައިންދަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ރައީސަކީ އަމިއްލަ ވިސްނުންފުޅުގައި "މަޖިލީސް ހުއްޓާލާ އިރަކު ހުއްޓާލާ ގޮތަށް، މަޖިލީސް ކުރިއަށް ގެންދަންވީމާ ކުރިއަށް ގެންދަން އޮންނަ" މަޖިލީހަކަށް ވެގެން ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނު އަސާސީން މަތިކޮށްފައިވާ އަމާނާތް ޒިންމާދާރުކަމާ އެކީ ފުރިހަމަކޮށް އަދާކުރަން ޖެހޭ ތަނެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ރައީސްގެ ނިންމެވުން ވަނީ ޕަބްލިކްކޮށް ވިދާޅުވެފައި ކަމަށާއި އެ ނިންމެވުން އަދި ބަދަލު ކުރެއްވިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު