އެހެން ޗެލެންޖް ކަޕްތަކަށް ވުރެ، ރާއްޖޭގައި ބާއްވާ މުބާރާތް ފުރިހަމަވާނެ: ސުޒޭން

އަންނަ މަހު 19 ވަނަ ދުވަހު ރާއްޖޭގައި ފެށޭ އޭއެފްސީ ޗެލެންޖް ކަޕުގެ އިންތިޒާމުތައް ކުރީގެ މުބާރާތްތަކަށް ވުރެ ފުރިހަމަވާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަނުގެ އޮފް މޯލްޑިވްސްގެ ޑިރެކްޓާ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒޭން ވިދާޅުވެއްޖެ އެވެ.

"ސަން" އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ވިދާޅުވީ، ނޭޕާލުގައި ކުރިއަށް ދިޔަ ޗެލެންޖް ކަޕަށް ވުރެ، ރާއްޖޭގައި ބާއްވާ މުބާރާތް ފުރިހަމަވާނެ ކަމަށެވެ.

"ކުރިން ނޭޕާލުގައި ޗެލެންޖް ކަޕު ބާއްވާފައި ވިޔަސް ރާއްޖޭގައި މި ބާއްވާ ފެންވަރުގަ އޭރުގެ އިންތިޒާމުތައް ނޭޕާލުގައި ހުރި ވަރަށްވުރެ ރާއްޖޭގައި ރަނގަޅުވާނެ،" އޭނާ ވިދާޅުވި އެވެ.

ޗެލެންޖް ކަޕުގައި ރާއްޖޭ ގައުމީ ޓީމުން ބޭނުންކުރާނެ ޝިއާރަކާއި ލޯގޯއެއް ހުށަހެޅުމުގެ ފުރުސަތު އެފްއޭއެމް އިން އާންމުންނަށް ވަނީ ހުޅުވާލައިފަ އެވެ. ލޯގޯއެއް ފަރުމާ ކުރާއިރު، މުބާރާތް ބާއްވާ މާލެ އަދި އައްޑޫ ސިޓީ ރަމްޒުކޮށްދޭ ގޮތަށް ލޯގޯ އިން ދައްކުވައި ދިނުމަށް ސުޒޭން ވަނީ އެދިފަ އެވެ.

"މި މުބާރާތް މިއޮތީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޓީގަ، މާލޭ އަދި އައްޑޫ ސިޓީގަ. އެހެންވީމަ ދެ ސިޓީ ވެސް ރަމްޒުކޮށްދޭ ކަހަލަ ގޮތަކަށް ފުޓްބޯޅައިގެ އެ ލޯގޯއިން އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރަނގަޅުވާނެ. މީގަ އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މާލެ ފިޔަވައި އަތޮޅުތަކުން ތަނެއްގަ މި މުބާރާތް އަދި ހާއްސަކޮށް މި ސަރަހައްދުގަ ވެސް ބާއްވާ އެންމެ ބޮޑު މުބާރާތް ބޭއްވުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގަ އެވެ. އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި އަންނަ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާ އިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި އަންނަ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ މަހު 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު