މިފްކޯގެ އެކައުންޓުތައް ފްރީޒްކުރުމަށް ސިވިލް ކޯޓުން އަމުރު ކޮށްފި

މޯލްޑިވިސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އެކައުންޓުތައް ފްރީޒް ކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރު ނެރެފި އެވެ.

މިފްކޯގެ އެކައުންޓުތައް ފްރީޒްކުރުމުގެ އަމުރު ސިވިލް ކޯޓުން ނެރެފައި ވަނީ އެ ކުންފުނީގެ ދަށުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ހިންގަމުން އައިއިރު އެތަނުގެ މުވައްޒަފަކު ގާނޫނާ ޚިލާފަށް ވަޒީފާ އިން ވަކިރުމުން އޭނާ އަށް އަލުން ވަޒީފާ ދިނުމާއެކު މުސާރައާ އިނާޔާތްތައް ދިނުމަށް އެ ކޯޓުން ކުރި ހުކުމަށް ތަބާވެފައިނުވާ މައްސަލައާ ގުޅިގެންނެވެ.

ރާއްޖޭގައި އޮޕަރޭޓް ކުރާ ބޭންކުތައް ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ހަބީން ބޭންކާއި މޮރިޝަސް ކޮމާޝަލް ބެންކާއި ބޭންކް އޮފް ސިލޯންގެ އިތުރުން އެޗްއެސްބީސީ އަށް ވަކިވަކިން ފޮނުވި އަމުރުގައި އެއިން ބޭންކެއްގައި މިފްކޯއިން އެކައުންޓެއް ހުޅުވާފައިވާނަމަ އެ އެކައުންޓެއް ފްރީޒް ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ކޫއްޑޫގައި ވަޒީފާ އަދާކުރަމުންދަނިކޮށް ގއ. ވިލިނގިލީ ކޯޒީގޭ އާސިފް އަހްމަދު 2008 ވަނަ އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

ވަޒީފާއިން ވަކިކުރުމުން އާސިފް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ އަށް އަލުން ވަޒީފާ ދިނުމަށްފަހު ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ދިނުމާ ހަމައަށް މުސާރައާ އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ އެންމެހައި ފައިސާ 30 ދުވަހުގެ ތެރޭގައި ދިނުމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އާސިފްގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ، ސިވިލް ކޯޓުގެ ހުކުމާއެއްގޮތަށް މިފްކޯއިން އަމަލުކޮށްފައި ނުވާތީ ހުކުމްތަންފީޒު ކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅުމުން މީގެކުރިން ވެސް މިފްކޯގެ އެކައުންޓުތައް ފްރީޒް ކުރެވުނު ކަމަށެވެ. ނަމަވެސް އެފަހަރު މިފްކޯއިން "އާދޭސްކުރުމުން" އާސިފްގެ ފަރާތުން ސިވިލް ކޯޓުގައި އެދުމުން އެކައުންޓުތައް އަންފްރީޒްކޮށްފައިވާ ކަމަށާއި މިފަހަރު ދޫދެވެން ނެތް ކަމަށެވެ.

"މިފަހަރު އަޅުގަނޑުމެންނަކަށް ނެތް ދޫދެވޭކަށް. ކުރިން އަޅުގަނޑުމެން ދޫދިނީ މިފްކޯއިން އާސިފް އަށް ވަޒީފާ ދިނުމަށްފަހު މުސާރައާއި އެންމެހައި އިނާޔަތްތައް ދޭނެ ކަމަށް އުންމީދު ކުރެވިގެން. އެހެންނަމަވެސް މިފްކޯއިން އެކަން ކުރައްވާފައެއް ނެތް. މުސާރައާ އިނާޔަތުގެ ގޮތުގައި މިފްކޯއިން އާސިފްއަށް ދޭންޖެހި ނުދީވާ މިލިއަނެއްހާ ރުފިޔާ އެބަހުރި،" ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އޮފީހުގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައިވާ ކަމަށާއި އެހެންނަމަވެސް މިއަދާހަމައަށް އެކަން ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު