ކަރަންޓު ހަރަދު 50 ޕަސެންޓަށް ކުޑަކޮށްދޭ ހިޓާޗީ ބްރޭންޑްގެ ތިން އުފެއްދުމެއް އެސްޓީއޯ އިން މިއަދު ލޯންޗްކޮށްފި އެވެ.
ދަރުބާރުގޭގައި އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށްދާ "މަސީ ބިލްޑް އެކްސްޕޯ"ގައި އެސްޓީއޯ އިން މިއަދު ލޯންޗްކޮށްފައި ވަނީ 50 ޕަސެންޓާ ހަމައަށް ކަރަންޓް ހަރަދު ކުޑަކޮށްދޭ އިންވާޓާ އެއާކޮންޑިޝަން މޮޑެލްއަކާއި އިންވާޓާ ރެފްރިޖިރޭޓަރުގެ ދެ މޮޑެލްއެއްގެ އިތުރުން ހިޓާޗީ ޝަވާ ހީޓަރެކެވެ.
އެސްޓީއޯ އިން މިއަދު ލޯންޗްކުރި ހިޓާޗީ ބްރޭންޑްގެ އާ އެއާކޮންޑިޝަން ސިސްޓަމް އަކީ "އެއާ ސްލީޕް" ނަމަކަށް ދީފައިވާ މޮޑެލްއެކެވެ. އެސްޓީއޯގެ ސީނިއާ ބްރޭންޑް މެނޭޖަރު އިބްރާހިމް ނަޖާހް ވިދާޅުވީ ކުރީގެ އެއާކޯންތަކާ އަޅާ ބަލާ އިރު އެ އެއާކޯންގައި މުޅިން އާ ފީޗާއެއްކަމަށްވާ "އެއާ ސްލީޕް ސެންސާ"އެއް ހިމަނާފައިވާ ކަމަށެވެ. އޭގެ ސަބަބުން ކޮންމެމީހަކަށް ވެސް އަރާމު ނިންޖަކަށް ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފީޗާގެ ސަބަބުން ނިދާފައި އޮންނަ އިރު އިރުކޮޅަކުން ފިނިވެގެން ނުވަތަ ހޫނުވެގެން ޓެމްޕަރޭޗަރު ދަށްކޮށް ނުވަތަ މަތިކޮށް ހަދާކަށް ނުޖެހޭނެ. މި ސެންސާ އިން އޮޓަމެޓިކުން މީހާގެ ބޮޑީ ޓެމްޕަރޭޗަރު ހުންނަ ވަރެއް ދެނެގަނެ އެއާ އެކަށީގެންވާ މިންވަރަށް ރޫމްގެ ފިނިހޫނުމިން ކޮންޓްރޯލްކޮށް ސެޓް ކުރާނެ." ނަޖާހް ވިދާޅުވި އެވެ.
އޭގެ އިތުރުން އެސްޓީއޯ އިން މިއަދު ލޯންޗްކޮށްފައިވާ އިންވާޓާ ރެފްރިޖިރޭޓަރަކީ އޭގެ ސަބަބުން ފިނިކުރުމަށް ބޭނުންވާ ކަރަންޓްގެ ހަރަދު 50 ޕަސެންޓާ ހަމައަށް ކުޑަކޮށްދޭ ޕްރޮޑަކްޓެކެވެ. އެންމެ ފަހުގެ އިންވާޓާ ޓެކްނޮލޮޖީއާ އެކު އެ ރެފްރިޖިރޭޓަރުގައި ޑުއަލް ފޭން ހިމެނިފައިވެ އެވެ. އޭގެ ސަބަބުން ފްރީޒް ނުވަތަ ގަނޑުކުރުމަށް ބޭނުންވާ ބަޔާއި ފިނިކުރުމަށް ބޭނުންކުރާ ބައި ތަފާތު ދެ ކޮމްޕާޓްމަންޓެއް ގޮތުގައި ވަކިވަކިން މަސައްކަތް ކުރާނެކަމަށް ނަޖާހް ވިދާޅުވި އެވެ.
އެ ރެފްރިޖިރޭޓަރުގައި މޭވާ އާއި ތަރުކާރީ ބެހެއްޓުމަށް ވަކި ބައެއް ފަރުމާކުރެވިފައިވާ އިރު ފިނިކުރާތަކެތި ބެހެއްޓުމަށް ހަރުކުރެވިފައިވާ ބިއްލޫރި އަށް 100 ކިލޯގްރާމަށް ބަރުކުރެވޭކަމަށް ނަޖާހު ވިދާޅުވި އެވެ.
އެސްޓީއޯ އިން މިއަދު ލޯންޗްކޮށްފައިވާ ހިޓާޗީ ޝަވާ ހީޓަރުގެ ޝަވާ ހެޑަކީ އެންޓިބެކްޓީރިއަލް ޝަވާ ހެޑަކަށް ވުމުން އެ ޝަވާ ހެޑްގެ ކުލަ ބަދަލުވުމާއި ފަންގަސްޖެހުން ފަދަ ކަންކަން ނުވާނެކަމަށް ނަޖާހް ވިދާޅުވި އެވެ. އަދި އެއީ ފެނުގައި ބޭނުންކުރާ އެއްޗަކަށް ވުމާއި ފެން ހޫނުކުރަން ބޭނުންކުރާ އެއްޗަކަށް ވުމުން އޭގައި 12 ސޭފްޓީ ފީޗާސް ހިމެނިފައިވާ ކަމަށް ވެސް ނަޖާހް ވިދާޅުވި އެވެ.
އެސްޓީއޯ އިން މިއަދު ލޯންޗްކުރި ތިން ޕްރޮޑަކްޓް ވެސް އެސްޓީއޯގެ ހޯމް އިންޕްރޫވްމަންޓުންނާއި ރީޖަނަލް ފިހާރަތަކުން މި އަންނަ މަހުންފެށިގެން ލިބޭނެ ކަމަށާއި އެއިން ކޮންމެ ޕްރޮޑަކްޓަކަށް ދޮޅު އަހަރުގެ ވޮރަންޓީއެއް ލިބޭއިރު އެ ތަކެތީގެ ކޮމްޕްރެސަރަށް ފަސް އަހަރުގެ ވޮރަންޓީއެއް ލިބެ އެވެ. އެ ފެއާގެ ތެރޭގައި ހިޓާޗީގެ ކޮންމެ އުފެއްދުމަކަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބެ އެވެ.