ހުޅުމާލޭގައި ޓެކްނޯލޮޖީ ޕާކެއް ތަރައްގީ ކުރަނީ

ހުޅުމާލެ، ޔޫތު ސިޓީއެއްގެ ގޮތުގައި ތައްރަގީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ދަށުން އެތަނުގައި ޓެކްނޯލޮޖީ ޕާކެއް ތަރައްގީކުރުމަށްޓަކައި އެ މަޝްރޫއު ކުރިއަށް ގެންދާން ޝައުގުވެރިވާ އިންވެސްޓަރުންނަށް އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"މޯލްޑިވްސް ޓެކްނޯޕޮލިސް"ގެ ނަމުގައި ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ، އެ ޕްރޮޖެކްޓާ ބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެފަދަ އިންސްޓިޓިއުޓެއް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ، ޓެކްނޯޕްރެނިއަރުންނަށް ވާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމާއި، ރާއްޖޭގައި ޓެކްނޯލޮޖީގެ ދާއިރާތަކުން ތައުލީމް ހާސިލްކޮށްގެން ތިބި ވަރުގަދަ ޒުވާން މަސައްކަތު ފޯހެއް ތައްޔާރުކުރުން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ސިންގަޕޫރުގައި ނިމިގެންދިޔަ "މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް"ގައި ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރި އެ ޕޮރޮޖެކްޓާ ބެހޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެތަން ތަރައްގީކުރުމަށް ނިންމާފައިވަނީ، ލޯކަލް ކެމްޕަސް މޮޑެލްގެ ދަށުން، ރާއްޖޭގެ ކުންފުނިތަކަށް ޖޮއިންޓް ވެންޗާ ޕާޓްނާޝިޕް ހެދޭގޮތަށް ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދާ ފަރާތަކަށް ރިއަލްއެސްޓޭޓް ވިޔަފާރިކުރުމުގެ ފުރުސަތު ދެވޭއިރު، އެގޮތަށް ދެވޭ އިނާޔަތްތައް އެނޫން ކަމަކަށް ނުވަތަ އިންވެސްޓަރު ބޭނުންވާގޮތަކަށް ހުށަހެޅުމުގެ ފުރުސަތުވެސް ލިބިދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ހުޅުމާލޭގައި ޓެކްނޯލޮޖީ ޕާކެއް ތަރައްގީވުމުން އެތަނުން އެއްފަހަރާ 300 ދަރިވަރުންނަށް ހިދުމަތް ކުރެވޭވަރުކުގެ ޓްރެއިނިން ފެސިލިޓީ އާއި ރިސާޗް އަދި ޑިވެލޮޕްމެންޓް ފެސިލިޓީ ގާއިމްވެގެންދާނެ އެވެ.

މޯލްޑިވްސް ޓެކްނޯ ޕޮލިސް ގާއިމްކުރެވުމުން އެތަނުގައި، ސައިންސް އެންޑް ޓެކްނޯލޮޖީގެ ފައުންޑޭޝަން އަދި ޑިޕްލޮމާ ކޯސްތަކާއި، ޓެކްނޯޕްރެނިއާޝިޕްގެ ދާއިރާއިންނާއި މަލްޓިމީޑިއާގެ ދާއިރާއިން ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު