އަފްޣާން އިންތިޚާބުގެ ދެވަނަ ބުރުގައި އަބްދުﷲ އާއި އަޝްރަފް ޣަނީ ވާދަކުރައްވަނީ

ކާބުލް (އެޕްރީލް 27): އަފްޣާނިސްތާނުގައި ބޭއްވި ރިޔާސީ އިންތިޚާބުގައިވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތަ ވޯޓުލިބިފައިނުވާތީ އެއިންތިޚާބުގެ ދެވަނަ ބުރު އަންނަ މޭމަހުގެ 28 ގައި ބޭއްވުމަށް ނިންމައިފިކަން އަފްޣާން އިންތިޚާބުތަކާބެހޭ ކޮމިޝަނުން ބުނެފި އެވެ.

އެކޮމިޝަނުންބުނީ ރިޔާސީ އިންތިޚާބުގައި 44.5 އިންސައްތަ ވޯޓާއެކު އެންމެ ކުރީގައި އުޅުއްވަނީކުރީގެ ޚާރިޖީ ވަޒީރެއް ކަމަށްވާ އަބްދުﷲ އަބްދުﷲ ކަމަށާ ޢަބްދުﷲ އާ އެންމެ ގާތުން ވާދަކުރައްވާ ކުރީގެ މާލީ ވަޒީރު އަޝްރަފް ޣަނީއަށް ލިބިވަޑައިގެންފައި ވަނީ 31.5 އިންސައްތަ ވޯޓު ކަމުގަ އެވެ. މިއާއެކު ދެވަނަ ބުރުގައި ވާދަކުރައްވުމަށް ހަމަޖެހިފައި ވަނީ މިދެބޭފުޅުންނެވެ. މިމަހުގެ ކުރީކޮޅު ބޭއްވި އަފްޣާން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ގާތްގަނޑަކަށް 97 އިންސައްތަ ވޯޓު ގުނައި ނިމިފައިވާ އިރު މިހަފްތާ ނިމޭ އިރު އެބުރުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށްވަނީ ހަމަޖެހިފަ އެވެ. ދާއިމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

އަފްޣާނިސްތާނުގައި ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާތައް ދައްކާގޮތުން އަޝްރަފް ޣަނީއަށްވުރެ ރައްޔިތުންގެ ތާއީދުބޮޑީ އަބްދުﷲ އަބްދުﷲ އަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމުގެ ފުރްސަތު ބޮޑުކަމަށް ބެލެވިފައި ވަނީ އަބްދުﷲ އަބްދުﷲ އަށެވެ. ނަމަވެސް ފުރަތަމަ ބުރުން ނާކާމިޔާވި ކެންޑިޑޭޓުންނަށް ތާއީދުކުރި މީހުންގެ ވޯޓުތައް ދެވަނަބުރުގައި ބެހިގެންދާ އިރު އޭގެ ތެރެއިން ގިނަ ވޯޓުތަކެއް އަޝްރަފް ޣަނީއަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށް އަފްޣާން ބައެއް މުޙައްލިލުން ލަފާކުރެ އެވެ.

އަޝްރަފް ޣަނީއަކީ އިގްތިސާދީ ތަޖްރިބާކާރެއްގެ ގޮތުން ވޯލްޑް ބޭންކުގައި ވެސް ދިގުމުއްދަތަކަށް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު