ޓޫރިޒަމަށް ދޫކުރާ ރަށްތައް 99 އަހަރުގެ މުއްދަތަށް ދޫކުރާ ގޮތަށް ހަދަނީ

ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް އިތުބާރު ހޯދައިދިނުމުގެ ގޮތުން، ރިސޯޓު ހެދުމަށް ދޫކުރާ ރަށްތައް، 99 އަހަރަށް ކުއްޔަށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް ހޮޓެލްގައި މިއަދު ކުރިއަށްދިޔަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ރިސޯޓު ހެދުމަށް ރަށްތައް ދޫކުރާ 50 އަހަރުގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށެވެ.

"18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުމާއެކު އަޅުގަނޑުމެން ރިސޯޓު ހަދަން ދޫކުރާ ރަށްތައް 99 އަހަރަށް ދޫކުރުމަށް މަޖިލީހަށް ހުށަހަޅާނަން. ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި އިގްތިސާދީ ހެޔޮ ބަދަލުތަކެއް ގެންނަން އެބަޖެހޭ. ދުނިޔޭގައި ޑިމޮކްރަސީގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނުމަށް އަޅުގަނޑުމެންގެ ތެރެއަށް ސިޔާސީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައި މިވަނީ. އެކަމަކު އިގްތިސާތު ވަރުގަދަކުރުމަށް އިގްތިސާދީ ގޮތުން ހެޔޮ ބަދަލުތަކެއް ގެންނަން އެބަޖެހޭ،" އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، ތަރައްގީގެ އާ ހަރުފަތްތަކަކަށް ވާސިލުވުމަށްޓަކައި، ރާއްޖޭގައި ސަރަހައްދީ ތަރައްގީއަށް ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް ފޯކަސް ބަހައްޓަން ޖެހޭކަމަށާއި އަދި އެކަން ހާސިލް ކުރުމަށްޓަކައި ގާނޫނީ ބަދަލުތަކެއް ވެސް ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީ ހަލުއިމިނެއްގައި ހޯދުމަށްޓަަކައި، އިސްންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި، ފަތުރުވެރި ކަމުގެ ދާއިރާގައި ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ހޯދާފައިވާ ކާމިޔާބު، ނަމޫނާއަކަށް ބަލައިގެން އެހެނިހެން ސިނާއަތްތައްވެސް ތަރައްގީ ކުރެވޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު