އިންވެސްޓްމެންޓް ފޯރަމް:
ހަތަރު ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީ ކުރަން ހުޅުވާލައިފި

ސިންގަޕޫރުން އަހުމަދު މުޖުތަބާ

ރާއްޖޭގެ ހަތަރު ސަރަަހައްދެއްގައި ހަތަރު ޑޮމެސްޓިކް އެއާޕޯޓް ތަރައްގީ ކުރުމަށް ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ، މިއަދު ސިންގަޕޫރުގައި ކުރިއަށްދާ، މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގަ އެވެ.

އަލަށް އެއާޕޯޓް ހެދުމަށް ހުޅުވާލާފައިވަނީ، ހއ. ހުވަހަންދޫ އާއި، އއ. މަތިވެރި، ފ. މަގޫދޫ އަދި މ. މުލީގަ އެވެ.

ޓްރާންސްޕޯޓްސް މިނިސްޓްރީގެ ކޯޑިނޭޓަރު އަބްދުﷲ ޖަމީލު، މިއަދު ވިދާޅުވީ، އަލަށް ތަރައްގީ ކުރުމަށް ހުޅުވާލެވުނު ހަތަރު އެއާ ޕޯޓަކީ ވެސް އައިކާއޯގެ ސްޓޭންޑަޑަށް ފެތޭގޮތަށް 1.2 އާއި 1.8 ކިލޯ މީޓާރުގެ ދިގު ރަންވޭއެއް ހިމެނޭގޮތަށް ތަރައްގީ ކުރެވޭ އެއާޕޯޓްތަކެއް ކަމަށެވެ.

"މި އެއާޕޯޓްތަކުގައި ސީއައިޕީ ލޯންޖް ސާވިސް، ކާގޯސާވިސް އަދި އެއާޕޯޓް ހޮޓެލް ސާވިސް ހިމެނޭގޮތަށް އެތަންތަން ތަރައްގީ ވެގެންދާނީ،" ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަލަށް ތަރައްގީ ކުރުމަށް ހުޅުވާލެވުނު ހަތަރު އެއާޕޯޓަކީވެސް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ)ގެ ދަށުން ތަރައްގީ ކުރަން ނިންމާފައިވާ އެއާޕޯޓުތަކެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، އެއާޕޯޓް ތަރައްގީކުރަން ހުޅުވާލި ސަރަހައްދު ތަަކަކީ މިހާރު އެއާޕޯޓް ނެތް ސަރަހައްދު ތަކެއް. އެހެން ނަމަވެސް ޓޫރިޒަމް ފުޅާވަމުން އަންނަ ސަރަހައްދު ތަކެއް. ދެން ޕީޕީޕީ އަކީ ތަރައްގީއަށް ބޭނުންކުރެވޭ ކާމިޔާބު މޮޑެލްއެއް. އެހެންކަމުން އަޅުގަނޑުމެން ގަބޫލުކުރަނީ، މި މަޝްރޫއުތައް ހަލުހި ސްޕީޑްގައި ކުރިއަށް ގެންދެވޭނެ ކަމަށް،" ޖަމީލް ވިދާޅުވި އެވެ.

އަލަށް ހުޅުވާލެވުނު ހަތަރު އެއާޕޯޓް ތަރައްގީކުރާ ފަރާތްތަކަށް، އެތަންތަން 25 އަހަރުގެ މުއްދަތަކަށް ކުއްޔަށްދޭގޮތަށް ސަރުކާރުން ވަނީ، ނިންމާފަ އެވެ. އަދި އެކަމަށް ހޮވޭ ފަރާތްތަކަށް، ރިސޯޓް ތަރައްގީކުރުމަށް 50 އަހަރު ދުވަހަށް ދެ ފަޅުރަށެއް ދޭގޮތަށްވެސް ހަމަޖައްސާފައި އެވެ.

"ދެން މިކަމަށް ހޮވޭ ފަރާތްތަކަށް ސަރުކާރުން މިވަނީ، ރަނގަޅު އިނާޔަތްތަކެއް ދޭގޮތަށް ނިންމާފައި. އެގޮތުން އެތަަން ތަރައްގީކުރަން އެތެރެކުރާ ތަކެތީގެ އިމްޕޯޓް ޑިއުޓީ މައާފްކޮށްދިނުމާއި، ބިމުކުއްޔާއި، އަދި އެހެނިހެން ފީތައްވެސް، އިންވެސްޓަރުން ބޭނުންވާ ގޮތަށް ބަދަލުކުރުމަށް ހުށަހެޅޭ ގޮތަށް ހަމަޖެހިފައި މިވަނީ،" ޖަމީލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފަތުރުވެރިކަން މިހާރުވެސް ފުޅާދާއިރާއެއްގައި ކުރިއަށްދާ އަރިއަތޮޅު އުތުރުބުރީގައި އެއާޕޯޓެއް ތަރައްގީކުރަން ހަމަޖެއްސިއިރު، ހއ. ހޯރަފުށީ ކައިރީގައި އޮންނަ ހުވަހަންދޫގައި އެއާޕޯޓެއް ތަރައްގީކުރެވިގެންދަނީ، މިއަދު ކުރިއަށްދާ އިންވެސްޓްމަންޓް ފޯރަމްގައި ހުޅުވައިލެވުނު، އައިހެވަން ޕްރޮޖެކްޓްގެ ބައެއްގެ ގޮތުގައި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު