އިންވެސްޓްމެންޓް ފޯރަމް:
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އިއުލާނުކޮށްފި

ސިންގަޕޫރުން އަހުމަދު މުޖުތަބާ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ބޮޑުކޮށް އެތަން ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.

ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް ހޮޓެލްގައި ކުރިއަށްދާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި މި މަޝްރޫއު ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީން އެކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ)ގެ ދަށުންނެވެ.

މި މަޝްރޫއާ ބެހޭގޮތުން ސަންއަށް މައުލޫމާތުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ކޯޑިނޭޓަރު އަބްދުﷲ ޖަމީލު ވިދާޅުވީ، ރާއްޖޭގެ އެންމެ އުތުރުގައި އޮތް ހަމައެކަނި އެއާޕޯޓް އިތުރައް ތަރައްގީކުރުމަށް ނިންމީ، އެ އެއާޕޯޓްގެ މިހާރު އޮތް ރަންވޭ ބޮޑުކުރަން ޖެހޭތީވެއާއި އަދި އެހެނިހެން ހިދުމަތްތައްވެސް އިތުރަށް ފުޅާކޮށް ސަރަހައްދީ ތަރައްގީ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.

"މިހާރު ހަނިމާދޫ ސަރަހައްދަކީ، ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާކުރުމަށް ސަރުކާރުން ނިންމާފައިވާ ސަރަހައްދެއް. އެހެން ކަމުން އެސަރަހައްދަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެގެންދާނެ،" ޖަމީލު ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ނިމޭއިރު އެތަނުގައި 1.8 ނުވަތަ 2 ކިލޯމީޓަރުގެ ރަންވޭއެއް އޮންނާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ. އަދި އެއާޕޯޓުންދޭ އެހެން ހިދުމަތްތައް އިތުރަށް ފުޅާކުރުމާއި، އެއާޕޯޓް ހޮޓެލް ހިދުމަތްވެސް ތަރައްގީވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައިވަނީ، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ހަވާލުވާ ފަރާތަކަކަށް، އެތަން އޮޕަރޭޓްކުރުމަށް 25 އަހަރަށް ކުއްޔަށް ދިނުމަށެވެ. އަދި އެއާޕޯޓް ބިމުލި ކުޑަކޮށްދިނުމާއި ޑިއުޓީ މައާފްކޮށްދިނުމުގެ އިތުރުން، އިންވެސްޓަރުން ބޭނުންވާ ގޮތަކަށް ހުށަހެޅުމުގެ ފުރުސަތުވެސް އެފަރާތްތަކަށް ދިނުމަށް ވެސް ނިންމާފައި ވެއެވެ.

މިހާރުވެސް ހަތަރު ރިސޯޓެއް ހިންގަމުން އަންނަ ހަނިމާދޫ ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ބޮޑެތިމަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން ނިންމާފައިވާއިރު، ކައިރި މުސްތަގުބަލެއްގައި އެސަރަހައްދުގައި މުޅިންއާ 12 ރިސޯޓު ތަރައްގީކޮށް ބެޑްކެޕޭސިޓީ 3000 އިތުރުވެގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްްރީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު