އިންވެސްޓް ފޯރަމް:
ޓޫރިޒަމުން ހޯދި ކާމިޔާބު އެހެނިހެން ސިނާއަތްތަކުންވެސް ހޯދަން މި މަސައްކަތްކުރަނީ: އިކޮނޮމިކް މިނިސްޓަރު

ސިންގަޕޫރުން އަހްމަދު މުޖްތަބާ

އިގްތިސާދީ ދާއިރާގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެ ހޯދާފައިވާ ކާމިޔާ، އެހެނިހެން ސިނާއަތްތަކުން ވެސް ހޯދުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގައި މިއަދު ކުރިއަށްދާ "މޯލްޑިވްސް އިންވެސްޓް ފޯރަމް"ގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގައި އިގްތިސާދީ ތަފާތު ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން މިހާރުވެސް ގިނަ ފަރާތްތަކަކުން ފާޅުކުރަމުންދާ ކަމަށެވެ.

"ޓޫރިޒަމްގެ ޗެމްޕިއަނުންނަށް އަޅުގަނޑުމެން ވީ ފަދައިން އިގްތިސާދީ އެހެނިހެން ދާއިރާތަކުން ވެސް އަޅުގަނޑުމެން ޗެމްޕިއަނުންނަށް ވާން މި މަސައްކަތް ކުރަނީ. މި ލަނޑުދަނޑި ހާސިލްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް މިހާރު ވެސް އަޅުގަނޑުމެންނަށް ލިބިފައި މިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "މިހާރުވެސް ޝިޕިން އަދި ޕޯޓް ތަރައްގީ ކުރުމަށް، ގިނަ ފަރާތްތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި. އަޅުގަނޑުމެން މިހާރު ކުރަމުން މިދާ މަސައްކަތަކީ، އެކަންކަމަށް ރަސްމީ ސިފައެއް ގެނެސް، އިންވެސްޓަރުން ކައިރިއަށް ގޮސްގެން އެފަރާތްތަކާ އަޅުގަނޑުމެންނާ ހުރި ދުރުމިން ކައިރިކުރަނީ."

މިނިސްޓަރު ސައީދު ވިދާޅުވީ، އާ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބިގެންދިޔަ ބޮޑު ކާމިޔާބާ އެކު، ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކުރުމުގެ ވަގުތު މިހާރު ޖެހިއްޖެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖެ، އިންވެސްޓަރުންނާ ރައްޓެހި މަންޒިލެއްގެ ގޮތުއި ހެދުމަށް ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ވިޔަފާރީގެ އިންޑެކްސް ކުރިއަރުވައި، އިންވެސްޓަރުންނަށް ބޭނުންވާދަ މާހައުލެއް ގާއިމްކޮށްދިނުމުގެ މަސައްކަތް މިކުރެވެނީ. އަޅުގަނޑު މި ފުރުސަތުގައި ގޮވާލަން ރާއްޖޭގައި މިހާރުވެސް ހިނގަމުންދާ ބޭރުގެ އެންމެ ބޮޑެތި އިންވެސްޓްމަންޓް ތައްކަމަށްވާ، ބްލެކްސްޓޯން ފަދަ ބިޔަ ކުންފުނި ތަކަށް ރާއްޖޭ އިއިސް އިތުރަށް އިންވެސްޓް ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު