ތަރައްގީގެ އާ އުންމީދުތަކަކާއެކު މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ފަށައިފި

ސިންގަޕޫރުން އަޙްމަދު މުޖްތަބާ

ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުއި ކުރުމަށް ބޭރުގެ ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތުގެ ދަށުން ސިންގަޕޫރުގައި އެއްދުވަހުގެ މުއްދަތައް ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ފަށައިފި އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނައަދަދެއްގެ ވިޔަފާރިތައް ބައިވެރިވާ، މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް ހޮޓެލްގައި ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.

ފޯރަމް ހުޅުވުުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ކެބިނެޓްގެ މިނިސްޓަރުންނާއި، ސަރުކާރުގެ މަތީ ފެންވަރުގެ ގިނަ ބޭފުޅުންތަކެއް ބައިވެރިވެފައިވާއިރު، މި ފޯރަމްގައި ތަފާތު ދާއިރާތަކުން 500 އަށް ވުރެ ގިނަ އިންވެސްޓަރުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ބޭރުގެ 16 ގައުމަކުން 200 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވެފައި ވެއެވެ.

ދިވެހި ސަރުކާރުން އިންތިޒާމްކޮށްގެން ރާއްޖެއިން ބޭރުގައި ބޭއްވޭ މިފަދަ ފުރަތަމަ އިންވެސްޓްމަންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ފޯރަމްގެ މަގުސަދަކީ، ތަރައްގީގެ އާ ހަރުފަތްތަކަކަށް ރާއްޖެ ގެންދިއުން ކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބޮޑެތި އިންވެސްޓް މަންޓުތަށް ރާއްޖޭގެ ތަރައްގީގައި ބައިވެރިކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ނަތީޖާ ނެރުން އެއީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒުކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެމަނިކުފާނުގެ ސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓް ތައް ހޯދުމަށް ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރާ މަސައްކަތަކީ ރާއްޖޭގައި އިގްތިސާދު ހަރުދަނާކުރުން ކަމަށްވާއިރު، ބޮޑެތި އިންވެސްޓްމަންޓު ތައް ގެނެސް ކުރިއަށް އޮތް 10 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތުން މިއައްވުރެ ރަނގަޅު ހާލަތަކަށް ގެންގޮސް ރާއްޖެއަކީ އެންމެ މަތިން އާމްދަނީ ލިބޭ ތަނަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ގެނައުމަށްޓަކައި، ފޮރިން އިންވެސްޓްމަންޓުތަކާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާ މަޖިލީސް ފެށުމާއެކު އެފަދަ އިސްލާހުތަކެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންނަށް ވެސް އިތުބާރާއެކު އިންވެސްޓް ކުރެވޭނެ ތަނެއް ކަމުގެ ޔަގީކަން ސަރުކާރުން ދެއްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންވެސްޓްމެންޓް ފޯރަމުގައި ހުޅުވާލެވޭ ބޮޑެތި މަޝްރޫއުތައް ކަމަށްވާ، އިހަވަންދިއްޕޮޅު އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް، "އައިހެވަން" އާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ ޕްރޮޖެކްޓާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ މަޝްރޫއާއި މިހާރު ބޭނުންކުރާ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އެތަން ތަރައްގީ ކުރުމުގެ މަޝްރޫއު އަދި ރާއްޖޭގެ ސަރަހައްދުން ތެލާއި ގޭސް ނެގުމުގެ މަޝްރޫއަށް ވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވި އެވެ.

މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމާ ބެހޭގޮތުން ވާހަކަ ފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެ އަބަދުވެސް އޮންނާނީ، މިނިވަން ވިޔަފާރިއަށް ހުޅުވާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަމަށާއި، އަދި ބޭރުން އަންނަ އިންވެސްޓަރުންނަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އެތެރެވުމަށް ހުޅުވާލެވޭ ގޭޓެއްގެ ގޮތުގައި، އިންވެސްޓްމޯލްޑިވްސް ނަމުގައި ވެބްސައިޓެއްވެސް ވަނީ، އިފްތިތާހުކޮށްފަ އެވެ. އެ ވެބްސައިޓް އިފްތިތާހްކޮށްދެއްވީ ރައީސް ޔާމީން އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު