ޗެލެންޖް ކަޕަށް ގައުމީ ޓީމް ބޭނުންކުރާނެ "ސްލޯގަން" އަކާއި "ލޯގޯ"އެއް ތައްޔާރުކުރަން ހުޅުވާލަނީ

އަންނަމަހު 19 އިން 30 އަށް ރާއްޖޭގައި ބާއްވާ، އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންކުރާނެ ހާއްސަ "ސްލޯގަން" އަކާއި،" ލޯގޯ" އެއް ތައްޔާރުކުރުމަށް އާންމުކޮށް ހުޅުވާލުމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) އިން ނިންމައިފި އެވެ.

ސަންއަށް އެނގިފައިވާގޮތުގައި، މާދަމާ ނުވަތަ ކުރިއަށް އޮތް ދެދުވަސް ތެރޭގައި އެފްއޭއެމްއިން އެމަސައްކަތް ރަސްމީކޮށް އިއުލާނުކުރާނެ އެވެ.

އެފްއޭއެމްގެ ރައީސް އިލްހާމް އަހްމަދު މިރޭ "ސަން"އަށް ވިދާޅުވީ، ފުޓްބޯޅައަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރުކަމަށް ވެފައި، ޗެލެންޖް ކަޕް ފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުމުން އެކަމުގައި އެންމެހައި ދިވެހި ރައްޔިތުން ބައިވެރިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގަ އެވެ.

"މުޅި އޭޝިއާގައި ވެސް ބޭއްވޭ އެންމެ ވަރުގަދަ އެއް ފުޓްބޯޅަ މުބާރާތް އަޅުގަނޑުމެންގެ ރާއްޖޭގައި ބޭއްވޭ ކަމީ ކޮންމެ ދިވެއްސަކުވެސް ފަހުރުވެރިވާނޭ ކަމެއް. އެހެން ކަމުން އަޅުގަނޑުމެން ބޭނުންވަނީ، ހުރިހާ ދިވެހިން މިކަމުގައި ޝާމިލް ކުރުވަން. އެގޮތުން މި މުބާރާތައް ހާއްސަކޮށްގެން ގައުމީ ޓީމުން ބޭނުންކުރާ ސްލޮގަން އަދި ލޯގޯ ވެސް އަޅުގަނޑުމެން ބޭނުންވަނީ، ދިވެހި ރައްޔިތުންގެ ގިނަބަޔަކު ބޭނުންވެލައްވާ އެއްޗަކަށް ވުން،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ، ޗެލެންޖް ކަޕަށް ދިވެހިން ބޭނުންކުރާނެ ސްލޮގަންއަކާއި ލޯގޯއެއް ތައްޔާރު ކުރުމަށް އާންމުކޮށް ހުޅުވާލައި، އެގޮތުން ހުށަހެޅޭ ތަކެތީގެ ތެރެއިން އާންމުންގެ އެންމެ ބޮޑު ތާއީދެއް ލިބޭ ސްލޮގަން އަކާއި ލޯގޯ މިފަހަރު ބޭނުންކުރުމަށް އެފްއޭއެމްއިން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑު އެދެނީ، މިއީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ހުރިހާ ދިވެހި ރައްޔިތުންގެ އެއްބާރުލުން މިކަމަށް ލިބުން. އަދި ހުރިހާ މީޑިއާއަކުން ވެސް މިކަމަށް ފުރިހަމަ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" އިލްހާމް ވިދާޅުވި އެވެ.

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާއިން ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ފަހު، ދެން މި މުބާރާތް އިތުރަށް ކުރިއަށް ނުގެންދަން އޭއެފްސީގެ އެގްޒެކެޓިވް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

އިލްހާމް ވިދާޅުވީ، މިފަހަރަކީ މި މުބާރާތުގެ އެންމެ ފަހު ފަހަރު ކަމަށް ވުމުން، ރާއްޖޭގައި މި މުބާރާތް ބޭއްވޭ ކަމީ ވެސް ގައުމަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އެހެން ވީމަ އަޅުގަނޑުމެން އެބަޖެހޭ ޗެލެންޖް ކަޕްގެ ފޯރި މުޅި ގައުމުގައި "ގަދަކޮށް" މި މުބާރާތުގައި އަޅުގަނޑުމެންގެ ގައުމީ ޓީމުން ރަނގަޅު ކާމިޔާބެއް ހޯދުމަށް މަސައްކަތްތަކެއް ކުރަން،" އެފްއޭއެމްގެ ރައީސް ވިދާޅުވި އެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އެފްއޭއެމްއިން މިހާރު ވަނީ، ރާއްޖޭގެ ހުރިހާ މީޑިއާ ތަކާއެކު ބައްދަލުވުންތަކެއް ބާއްވަން ފަށައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު